ވ. ރަކީދޫ ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލަައިގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރަން މިމަހުގެ 28 ވަނަ ދުވަހަށް ތާވަލް ކުރަން ނިންމައިފި އެވެ.
މިމައްސަލާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމަކީ، ގާނޫނީ ވަކީލަކާއެކު، އިތުރު އަޑުއެހުމެއް ބާއްވާ ދެއްވުމަށް އާފިޔާ އެދިފައިވާތީ، ބޭއްވި އަޑު އެހުމެކެވެ. އެގޮތުން އާފިޔާގެ ވަކީލަކަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު ވަނީ ހޯމަ ދުވަހުގެ އަޑުއެހުމަށް ވަޑައިގަންނަވާފަ އެވެ. މީގެކުރިންވެސް، ދައުލަތުން އާފިޔާއަށް ވަކީލަކު ހަމަޖައްސާ ދެއްވާފައި ވެއެވެ. އަދި ބައެއް ފަހަރު ވަކީލަކާ ނުލާ މައްސަލައިގަ ކުރިއަށްދާ އާފިޔާ ބޭނުންވާތީ ބައެއް އަޑުއެހުންތައް ވަކީލަކާ ނުލާވެސް މީގެކުރިން ކުރިއަށް ގެންގޮސްފައި ވެއެވެ. އެންމެފަހުން ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީވެސް ގާނޫނީ ވަކީލަކާ ނުލައެވެ.
ހޯމަ ދުވަހުގެ އަޑުއެހުމަށް ވަޑައިގެންނެވި އާފިޔާގެ ގާނޫނީ ވަކީލު ވިދާޅުވީ، އޭނާ މިމައްސަލައާ ހަވާލުވީ މުޅިން އަލަށް މިމަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި މިމައްސަލާގައި ހިމެނޭ ލިޔެކިޔުންތައްވެސް ހަމައަށް އަދިލިބިފައިނުވާތީ، ހުލާސާ ބަޔާން ހުށަހެޅުއްވުމަށް އިތުރު ފުރުސަތެއް ދެއްވުން އެދޭ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށާއި ދައުލަތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ހުލާސާ ބަޔާން ހުށަހަޅާފައިވާތީ މިމައްސަލާގައި ދައުލަތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އާފިޔާވެސް ހުލާސާގޮތެއްގައި ވަރަށް ކުރު ބަޔާނެއް ދީފައިވާ ކަމަށެވެ. ނަމަވެސް އަނެއްކާވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ، ވަކީލެއް ހަމަޖެހިފައިވާތީ، ހުލާސާ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދެއްވާ ކަމަށެވެ. އެގޮތުން އާފިޔާގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމަށް ދެއްވާނެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަސް ކަމަށާއި އެދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ދެން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
މީގެއިތުރުން ގާޒީ ވިދާޅުވީ މިމައްސަލާގައި ހުކުމް ކުރުމަށް މިމަހުގެ 28 ވަނަ ދުވަހު ނުވަތަ 29 ވަނަ ދުވަހަށް ތާވަލް ކުރެވޭނެ ކަމަށެވެ.
ދަޢުލަތުގެ ފަރާތުން އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން އިރު، ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.
ޙުކުމުގެ މަރުޙަލާއަށް ގޮސްފައިވާ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.