ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 13:01
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް (ކ)، އިއްޔެ މިވަނީ މަގާމުން އިސްތިއުފާ ދެއްވާފައި
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް (ކ)، އިއްޔެ މިވަނީ މަގާމުން އިސްތިއުފާ ދެއްވާފައި
ސަން އޮންލައިން
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ފަޔާޒު އިސްތިއުފާ ދެއްވައިފި
ފަޔާޒު ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް މިނިސްޓަރު އެންގެވިކަމަށް އަދި މަގާމުން ވަކިކުރަން މިނިސްޓަރު އިސްކޮށް މަސައްކަތް ކުރެއްވި ކަމަށް
ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ސާބިތުނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައި
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައި

މަގާމުގެ ޒިންމާ އަދާކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ފަޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، "އޮފީހަށް ނިކުތުމަށް އަންގާ ލިޔުން" ލިބުމާއެކު މިއަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅެނިކޮށް ޓްރާންސްޕޯޓް މިނިސްޓަރ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށްވެސް ފަޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާދިނުމަށް އޭނާއަށް އަންގައި، އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ސީދާ ޞަރީހަ އިބާރާތުން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެެދި ސީއެސްސީގައި އެދުމުން، ސިވިލް ސަރވިސް ކޮމިޝަނުން އޭނާއާ ހަވާލުކޮށްފައިވާ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެެވެ. އަދި ވަޒީފާގައި ދެމިހުރުމަށް ނިންމާ ނިންމުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން އޭނާއަށް ފާހި މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތްކަމަށް ނުދެކޭ ކަމަށްވެސް، ފަޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް، ސާބިތު ނުވާކަމަށް ނިންމައި، އެކަން ސިވިލް ސަރވިސް ކޮމިޝަނުން ފަޔާޒަށް އަންގާފައިވަނީ، 13 ޑިސެމްބަރު 2020ގަ އެވެ. އެސިޓީ ލިބުމާއެކު ފަޔާޒު މިވަނީ ހަމަ އެދުވަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަންނަޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވާކަން ބަޔާންކޮށް، ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ.

ފަޔާޒުގެ އެ މައްސަލަތައް ސީއެސްސީއަށް ހުށަހެޅުމާއެކު މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އޭނާ ގޭގައި މަޑުކުރަން އަންގައި، ސިވިލް ސަރވިސް ކޮމިޝަނުން ބަޔާނެއް ނެރެފައި ވެއެވެ. އޭގައި ވަނީ ފަޔާޒްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެ މިނިސްޓްރީގެ މުވައްޒަފަންތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހަޅައިފައިވާކަމަށާއި، އެ މައްސަލަތައް ތަހުޤީޤު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް އޮފީހަށް ނިކުތުން މަނާ ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.

- ކޮމެންޓް