ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 13:04
އިސްލާމިކް މިނިސްޓްރީ،
އިސްލާމިކް މިނިސްޓްރީ،
ރާއްޖެއެމްވީ
މުދަލުގެ ޒަކާތުގެ ނިޞާބަށް ބަދަލުއައުން
ޒަކާތުގެ ނިޞާބަށް ބަދަލު އަތުވެއްޖެ
2019 ޑިސެންބަރު 9ން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ކަނޑައަޅާފައިވަނީ 4950.40 ރުފިޔާ
ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިން

މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 (ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ/ ފަންސާސް ލާރި) ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ކަނޑައެޅީ ޒަކާތުގެ ނިޞާބަށް ބަދަލު އައުމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 09 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 (ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ/ ފަންސާސް ލާރި) ކަމަށެވެ. މިގޮތަށް ކަނޑައަޅާފައިވާއިރު، 09 ޑިސެމްބަރ 2019 އިން 08 ޑިސެމްބަރ 2020 ވަނަ ދުވަހާ ހަމައަށް ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 4950.40 (ހަތަރު ހާސްނުވަސަތޭކަ ފަންސާސް ރުފިޔާ/ ސާޅިސް ލާރި) އެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައަޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. ރިހީގެ ނިޞާބުގެ ގޮތުގައި އިލްމުވެރިން ކަނޑައަޅާފައިވާ އަދަދަކީ 595 (ފަސްސަތޭކަ ނުވަދިހަ ފަހެއް) ގްރާމް ކަމުގައި ވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11.7 (އެގާރަ ރުފިޔާ/ ހަތްދިހަ ލާރި) އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ބަހުގެގޮތުން ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ. ޝަރުޢީ ގޮތުން ބަލާނަމަ، އެއީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުއީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ޚާއްސަ ބަޔަކަށް ނުވަތަ ފަރާތަކާ ހަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

- ކޮމެންޓް