Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:04
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހަކު ވެހިކަލަށް އަރުވަން ގެންދަނީ
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހަކު ވެހިކަލަށް އަރުވަން ގެންދަނީ
ރާއްޖެ އެމްވީ
ޓެރަރިޒަމް
ހައްޔަރުކުރީ މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ބަޔަކު!
މީހުން އެއްވެއުޅޭ ފަސް ތަނަކަށް ހަމަލާ ދިނުމަށް
ގޮވާތަކެތި އުފައްދަން ބޭނުންކުރާ ކެމިކަލާއި އާލާތްތައް
ހަތަރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފަ

ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނަކީ މާލޭގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާ ދިނުމަށް ރާވައި، ބޮން ތައްޔާރުކުރަމުން ދިޔަ ބަޔަކުކަން އެނގިއްޖެ އެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ ގޮތުން ފުލުހުން ހާމަ ނުކުރާއިރު، ހައްޔަރުކުރީ  މާލޭގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާ ދިނުމަށް ރާވައި، ބޮން ތައްޔާރުކުރަމުން ދިޔަ ބައެއް ކަން ދޮގެއް ނުކުރެ އެވެ. 

ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން ޕީޓްރަލް ސަރަހައްދުގައި ހުންނަ ތިން އިމާރާތެއް ބަލާފާސްކޮށްފައިވެ އެވެ. އެގޮތުން ބަލާފާސް ކޮށްފައިވަނީ މއ. ކިނާރާހައުސްއާއި، އެނބޫގޯޅީގައި ހުންނަ އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޮފީހާއި، މއ. ނަމޫނާ ގެ އެވެ.

 

އެތަންތަން ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަ ގޮތުގައި އެ މައްސަލައަކީ ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެކެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެތަންތަން ބަލާފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށްރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށެވެ.

މއ. އެނބޫ ބަލާފާސްކުރުމަށް ނެރުނު އަމުރު

އެ ތަންތަން ބަލާފާސްކުރުމަށް ފަހު ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސީރިއާގައި ހަނގުރާމަކުރަމުންދާ، އައިއެސް ޖަމާއަތަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ މީހުން ހިމެނެ އެވެ.

ފުލުހުން ހިންގި އަޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ

ބަލާފާސްކުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ އޮފީހަށް ފުލުހުން ވަދެފައިވަނީ އޮފީހުގެ ދޮރުވައްޓާލައިގެންނެވެ. އެ އޮފީހަށް ފުލުހުން ވަން އިރު، ތިން މީހަކު ގޮވާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ފުލުހުންގެ ތެރެއިން މައުލޫމާތު ލިބެ އެވެ. އެތަނުގެ ތެރެއިން ގޮވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލް، ޓްރައިނައިޓްރޯޓޮލުއީން(ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން އަތުލައިގަތެވެ.

އޮޕަރޭޝަނުގައި އަތުލައިގަތް ސާމާނުތައް ގެންދަނީ

މއ. ނަމޫނާގެ ބަލާފާސްކޮށް އެތަނުގެ ތެރެއިން ވެސް ފުޅިތަކާއި ދަޅުތަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ޓީއެންޓީ އަތުލައިގަނެފައިވެ އެވެ. މީގެ އިތުރުން ބަލާފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝާ ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތެވެ.

 

ފުލުހުންގެ ތެރެއިން މައުލޫމާތު ލިބޭ ގޮތުގައި އެ މީހުން ރާވަމުން ދިޔައީ މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވުމަށެވެ. އެގޮތުން ވެހިކަލްގައި ބޮން ހަރުކޮށްގެން މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ގޮއްވާލުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

އޮޕަރޭޝަނުގައި އަތުލައިގަތް ސާމާނުތައް ގެންދަނީ

މިއީ މިހާ ފުޅާދާއިރާއެއްގައި ބޮން ހަދައިގެން ހަމަލާދިނުމަށް ރާއްޖޭގައި ރޭވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2005 ވަނަ އަހަރު ސަލްޓަން ޕާކުގައި އައިއީޑީއެއް ގޮއްވާލާފައިވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލާފައިވެ އެވެ. އަދި މުލިއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ޓޭންކު ކައިރީގައި ބޮމެއް ބާއްވާފައި އޮތްވާ 2015 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު ވަނީ އަތުލައިގަނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް