ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 13:29
އަނިޔާއާ ދެކޮޅަށް ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް- މި ދިރާސާގެ ހޯދުންތައް އެޗްއާރްސީއެމް އިން ވަނީ އާންމު ކޮށްފައި
އަނިޔާއާ ދެކޮޅަށް ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް- މި ދިރާސާގެ ހޯދުންތައް އެޗްއާރްސީއެމް އިން ވަނީ އާންމު ކޮށްފައި
ޖެންޑާ މިނިސްޓްރީ
އެޗްއާރްސީއެމްގެ ދިރާސާ ރިޕޯޓް
ގިނަ ދިވެހި ފިރިހެނުން ބުނަނީ ގެވެށި އަނިޔާ ލިބެނީ ކުރީގެ ބައިވެރިޔާގެ ކިބައިން ކަމަށް
ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތައް ހުށައަޅަންވީ ތަން އެނގެނީ 80 އިންސައްތަ ބައިވެރިންނަށް
މި ދިރާސާ ސިލްސިލާކޮށް 2005 ވަނަ އަހަރާއި 2011 ވަނަ އަހަރު ކުރިއަށް ގެންދިޔަ
20 ރަށެއްގައި ކުރިއަށް ގެންދިޔަ މި ސާރވޭގައި ޖުމްލަ 1601 މީހުން ބައިވެރިވި

ރާއްޖޭގައި ގިނަ ފިރިހެނުންނަށް ގެވެށި އަނިޔާ ކުރިމަތިވަނީ އެމީހުންގެ ކުރީގެ ބައިވެރިޔާގެ ކިބައިން ކަމަށް ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު މިހާރު އޮތް މިންވަރާއި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް އިތުރަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރެވުނު ދިރާސާގެ 3 ވަނަ ރިޕޯޓުން ދައްކައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތައް އެޗްއާރްސީއެމުން އާންމު ކޮށްފައިވާއިރު، ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތައް ހުށައަޅަންވީ ތަން އެނގޭކަމަށް ބުނެފައިވަނީ ދިރާސާގައި ބައިވެރިވި %80 ބައިވެރިންނެވެ.

އޭގެ އިތުރުން، ދިރާސާގައި ބައިވެރިވި ގިނަ އަންހެން ބައިވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ގެވެށި އަނިޔާ ލިބިފައިވަނީ ފިރިމީހާގެ ފަރާތުންނެވެ. އަދި ގިނަ ފިރިހެން ބައިވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ގެވެށި އަނިޔާ ލިބިފައިވަނީ އެފަރާތްތަކުގެ ކުރީގެ ބައިވެރިންގެ ފަރާތުންނެވެ.

ދިރާސާގެ ބައެއް އިތުރު ހޯދުންތައް ދައްކާ ގޮތުން އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީ ބޮޑު މައްސަލައެއް ކަމަށް ދެކެނީ ދިރާސާގައި ބައިވެރިވި %93.6 ބައިވެރިންނެވެ. އަދި 91.7% ބައިވެރިން ގަބޫލުކުރާ ގޮތުގައި ފިރިހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. އަދި އަނބިމީހާއަށް އިހާނެތިކޮށް ހިތާނަމަ އާއިލާގެ އެހެން މީހުނަށް އެކަމަށް ހުރަސް އެޅިދާނެ ކަމަށް ޤަބޫލުކުރާ ފިރިހެނުންގެ އަދަދު 2005 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރު ވެފައިވާކަންވެސް ދިރާސާއިން ދައްކައެވެ.

އެޗްއާރްސީއެމް އިން މައުލޫމާތު ދޭ ގޮތުގައި މިއީ ސިލްސިލާކޮށް 2005 ވަނަ އަހަރާއި 2011 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުގެ 3 ވަނަ ބައެވެ. މިފަހަރުގެ މި ދިރާސާ ރިޕޯޓުގައި ރާއްޖޭގައި ގެވެށިއަނިޔާގެ މައްސަލަތައް ކުރިމަތިވާ މިންވަރާއި ގެވެށި އަނިޔާއާ ބެހޭގޮތުން އާންމުން ދެކޭގޮތާއި އެކަމާމެދު އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް އިސްކަންދީފައިވާކަން އެ ކޮމިޝަނުން ފާހަގަ ކުރެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވާލެވިފައިވާ 20 ރަށެއްގައި ކުރިއަށް ގެންދިޔަ މި ސާރވޭގައި ޖުމްލަ 1601 މީހުން ބައިވެރިވެފައިވެއެވެ.

- ކޮމެންޓް