އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން ނިކަމެތި ކުރުމަކީ ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރެވޭ ޖެއްސުމުގެ އަމަލެއް ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޒަރިޔަންދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފްލައިން ސްކޫލްގެ މަސްލަހަތު ހިމެނޭ ބަޔަކު އެ މައްސަލަ ބަލަންޖެހޭ އޮފީސްތަކުގައި ތިއްބަވާ، ދަރިވަރުން ނިކަމެތިކުރާއިރު ޓްރާންސްޕޯރޓް މިނިސްޓްރީ އާއި ހަޔަރ އެޑިޔުކޭޝަންގެ ވަޒީރުން އަތްއުރާލައިގެން ތިއްބަވާނަމަ އެ ހިންގެވެނީ ސަރުކާރާއި އައްޑޫ ސިޓީ ރައްޔިތުންނަށް ޖެއްސުމުގެ ޢަމަލެއް ކަމަށެއެވެ.
އަދި ޒިންމާދާރު ވުމަށް ޒަރިޔަންދު ވަނީ އެފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ވެސް ވަނީ މީގެ ކުރިން ކުރެވިފައެވެ.
މީގެ އިތުރުން ފްލައިން ސްކޫލްގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.
އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށައަޅާފައިވާއިރު، އެކަމުގައި އެއްވެސް ހައްލެއް ލިބިފައިނުވާކަން އެފަރާތްތަކުން ފާހަގަކުރެވެެ.
ނަމަވެސް ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އުސޫލާއި ޚިލާފަށް އަމަލުކޮށްފައިވާނަމަ އެފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.