ފާއިތުވި ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 52 އިންސައްތަ ދަށްވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު މި އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ވޭތިވެދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، 2019 ވަނަ އަހަރުގެ ނޮވެމްބްރު މަހު 303 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހު މި އަދަދު ވަނީ 204 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރާއި އަޅާބަލާއި މިއަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓް ކުރެވުނު މުދާ (އެފްއޯބީ) ގެ އަގު ވަނީ %46 ދަށްވެފައެވެ.
އިމްޕޯޓް ކުރެވުނު މުދާ (ސީއައިއެފްއަގު) ފާއިތުވި އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު %52 ވަނީ ދަށްވެފައެވެ.
މީގެ އިތުރުން ފާއިތުވި ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހާއި އަޅާބަލާއިރު 33 އިންސައްތަ ވަނީ ދަށްވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި މަހު ދިވެހިރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ސިންގަޕޯރ އަދި އިންޑިއާއެވެ.
ޗައިނާއިން 267 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޯރ އިން 243 މިލިއަން އަދި އިންޑިއާއިން 235 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ވޭތިވެދިޔަ ނޮވެމްބަރު މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ގައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާއި ކްލިއަރެންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސްހިސާބު ތިރީގައި މިވަނީއެވެ.
އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ފަރަންސޭސި ވިލާތް %17، ތައިލެންޑް %16، އިޓަލީވިލާތް %10، އެމެރިކާ%9 އަދި ޖަރުމަން ވިލާތް %9 އެވެ. އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ %13، ސިންގަޕޫރު %12، އިންޑިއާ %11، ޔޫއޭއީ %11 އަދި އޮމާން %10 އެވެ.
ވޭތުވެދިޔަ ނޮވެމްބަރު މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަދި ކްލިއަރެންސް ދެވިފައިވާ އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2019 ވަނަ އަހަރު ޕްރޮސެސް ކުރެވިފައިވާ ޑިކްލަރޭޝަންގެ ޖުމްލަ އަދަދަކީ 20،729 އެވެ. 2020 ވަނަ އަހަރު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން ޖުމްލަ އަދަދަކީ 12،386 އެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ފާއިތުވި ނޮވެމްބަރު މަހު ކްލިއަރެންސް ދެވުނު އުޅަނދުފަހަރަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއިން ބޭރުން އައިސްފައިވަނީ 95 އުޅަނަދަށެވެ. 2020 ވަނަ އަހަރު 94 އުޅަނދަށެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރުގައި ރާއްޖެއިން ފުރާފައިވަނީ ވަނީ 59 އުޅަނދެވެ. އަދި ނޮވެމްބަރު 2020 ގައި 65 އުޅަނދެއް ފުރާފައި ވެއެވެ.