ކޮވިޑް-19 އަށް އިތުރު 22 މީހުން ޕޮޒިޓިވްވެ، 19 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 1،966 މީހެއްގެ ގައިން ސާމްޕަލް ނަގައިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 22 މީހެކެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި، ރިސޯޓްތަކުން 3 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑަށް އިތުރު 22 މީހަކު ޕޮޒިޓިވްވުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 634 އަރައިފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 61 އަރައިފައިވާއިރު، ރާއްޖެއިން މިހާތަނަށް 13،348 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދަކީ 12،659 އެވެ. އަދި މި ބަލީގައި ރާއްޖެއިން 48 މީހަކު ވަނީ ނިޔާވެފައެވެ.