މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަކީ މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ އައްޑޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ހުޅުމީދޫގައި ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ގައުމީ ތަރައްގީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ. އަދި، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން، މި މަޝްރޫއުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ހިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީ ހުޅުމީދޫގައި އަޅާ ޑިޓޮކްސް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަކީ، އެއް ފަހަރާ 60 މީހުންނަށް ފަރުވާދެވޭނެ ސެންޓަރެކެވެ. އެގޮތުން މި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ރެޒިޑެންޝަލް ފަރުވާގައި 30 މީހަކަށާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކަށް ފަރުވާދެވޭނެ ކަމުގައި ނެޝަނަލް ޑްރަގް އެޖެންސީން މައުލޫމާތު ދީފައިވެއެވެ.