ރާއްޖޭގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުވަދު އަތޮޅު ތިން ރަށެއްގައި ޒަމާނީ ފެންވަރުގެ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި އެވެ.
އަތޮޅުތެރޭގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުވަދު އަތޮޅުގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެތަށް ހެދުމަށް ބިންގާ އަޅާފައިވާ ރަށްތަކަކީ ގދ ތިނަދޫ އާއި ރަތަފަންދޫ އަދި ގއ ކޮލަމާފުއްޓެވެ. މި އިންޖީނުގެތަކުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދާއި ކައުންސިލަރުންގެ އިތުރުން އެ ރަށްތައް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނެވެ.
ރަތަފަންދުއަށް ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރާ އިންޖީނުގެ ހުރިތަނުގެ ސަބަބުން އެހިސާބުގައި ދިރިއުޅެމުންއަންނަ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެއާއެކު ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރަތަފަންދޫ އައު އިންޖީނުގޭގެ އިމާރާތުގެ އަމަލީ މަސައްކަތް 14 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި އިމާރާތް 9 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ފެނަކައިން އަންނަނީ މި އަހަރު ނިމެންވާއިރަށް 28 ރަށެށްގެ އިންޖީނުގެ އައުކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ކުރިއަށް އޮތް 3 އަހަރު ތެރޭގައި 56 ރަށެއްގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އެ ކުންފުނިން އަންނަނީ އިންޖީނުގެތަކާއިއެކު އޮފީސް އިމާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.