ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެއީ އިތުރުފުޅެއްކަމަށް ވިދާޅުވި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅު ބޮޑު ތަނުން ބަދަލުވެ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާ އޮތްކަމަށް 24 ގަޑިއިރު ނުވަނީސް އެއްބަސްވެވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ޗައިނާއަށް މިއަހަރު 1،719،535 (އެއް މިލިއަން ހަތްލައްކަ ނަވާރަހާސް ފައްސަތޭކަ ތިރީސް ފަސް) ޑޮލަރު ދައްކަން ޖެހޭކަމަށެވެ. ޓުވީޓުގައި ސަފީރު ވިދާޅުވީ މިހާރު "ހޯމްވޯކް" ހައްދަވައިފައިވާ ކަމަށެވެ. ސަފީރު ވިދާޅުވީ، ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކޮށްފައިވާ 1530 ހައުސިން ޔުނިޓަށް ދައްކަން ޖެހޭ 2،375،000 (ދެމިލިއަން ތިންލައްކަ ހަތްދިހަ ފަސްހާސް) ޑޮލަރަކީ ތިން ވަނަ ގައުމެއްގެ ބޭންކަށް ދައްކަންޖެހޭ ލޯނެއް ކަމަށާއި ސީޑީބީގެ ލޯނެއް ނޫން ކަމަށެވެ.
ސަފީރު މިހެން ވިދާޅުވެފައިވާއިރު، ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި، ދިވެހި މާލިއްޔާއިން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި ދަރަނި އަދާކުރުމުގައި ރާއްޖެއަށް އެއްވެސް ތަސައްލީއެއް ނުދޭކަމަށް ވިދާޅުވުމުން، ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވަމުން، ޗައިނާގެ ބޭންކުތަކާއި ހަވާލާދީ ޗައިނާ ސަފީރު ވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދައްކަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި އެކައުންޓް ފޮތް ބެއްލެވުމަށާއި އެ ފައިސާ ބަޖެޓަށް ރައްކާކުރުމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ. ސަފީރު މިވަނީ 24 ގަޑިއިރު ނުވަނީސް ރާއްޖެއިން ޗައިނާއަށް ލާރި ދައްކަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ދައުލަތުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބޭރުގެ ގައުމުތަކަށް ދަރާފައިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް އަދާކުރަންޖެހެނީ ޗައިނާއަށެވެ. އޭގެ ތެރޭގައި ސީދާ ދައުލަތުން އަދާކުރަންޖެހޭ ދަރަންޏާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނީގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނި ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަދަދު ހުރީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21.6 ބިލިއަން ރުފިޔާގައެވެ. މިއީ ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 38 އިންސައްތައެވެ. އަދި ޖީ-20 ޑެޓް ސަސްޕެންޝަންގެ ދަށުން ޗައިނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރި ނަމަވެސް، ރާއްޖެއިން ނަގާފައިވާ ބައެއް ކޮމަރޝަލް ލޯންތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ މީގެ ތެރޭގައި ނުހިމެނެއެވެ.
"ރާއްޖެއެމްވީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަރަނި ފަސްކުރުމަށް ޖީ-20 ޑެޓް ސަސްޕެންޝަންގެ ދަށުން ފަސްކުރަން އަންގާފައިވާ ރަސްމީ އެއްވެސް ލިޔެކިޔުމެއް ސަރުކާރަށް ލިބިފައެއް ނުވެއެވެ.