ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި އެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެއްލަކަ ވަނަ ފަތުރުވެރިޔާއަށް ވަނީ ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ކުރިއަށް ގެންދިޔަ ހާއްސަ ހަފްލާގައި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރިއު ސްޓުވަރޓް، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު، އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ އަދި ވީއައިއޭ އާއި އިމިގްރޭޝަންގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ރާއްޖެ އަށް އެއްލައްކަ ވަނަ އަށް އައިސްފައި ވަނީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޖޭސްމިންއެވެ. އޭނާ އާށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އެމްއޭސީއެލްގެ ސީއީއޯ، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ، އަދި އިމިގްރޭޝަންގެ ކޮންޓްރޯލާގެ ފަރާތުން ވަނީ ހަދިޔާ ދެއްވާފައެވެ.
ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ޖޭސްމިން ވަނީ މިފަދަ މަރުހަބާއެއް ކިޔާނެކަމަށް އުންމީދު ނުކުރާކަމަށާއި، އޭނާއަށް ކީ ހޫނު މަރުހަބާއަށް ޝުކުރުއަދާކުރާކަމަށެވެ.
ޑިސެމްބަރ 12 ވަނަ ދުވަހު 3،800 އަށް ވުރެ ގިނަ ޕަސެންޖަރުން އަންނާނެ ކަމަށް ވީއައިއޭގެ ޓަރމިނަލްސް އޮޕަރޭޝަންސް މެނޭޖަރ، އިބްރާހިމް ހުސެން ވިދާޅުވެފައިވާ އިރު، ޑިސެމްބަރ 11 ވަނަ ދުވަހު ރާއްޖެ އައިސްފައި ވަނީ 2516 ޕަސެންޖަރުންނެވެ.