މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ރީ ސްޓްރަކްޗަރ ޕްލޭންތައް ނިމޭއިރު ސްޓޯރޭޖް ކެޕޭސިޓީ 10500 ޓަނަށް އިތުރު ކުރެވޭނެ ކަމަށް ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯ މިހިސާބަށް އާދެވުނުއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ޕްލޭން ކުރި ހިސާބެއްގައި ނޫން ކަމަށާއި އެހިސާބަށް ވާސިލް ވުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަން ހުރި ކަމަށެވެ.
އެހެންކަމުން ކުންފުނީގެ ރީސްޓްރަކްޗަރިން ޕްލޭގެ ބަދަލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެ ގޮތުން މިހާރު ހުރި 3500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ކުރިއަށް އޮތްތަނުގައި ޕްލޭންތައް ނިމޭއިރު 10500 ޓަނަށް އިތުރު ކުރެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބައިން ކެޕޭސިޓީވެސް ދުވާލެއްގެ މައްޗަށް 700 ޓަނާއި ހަމައަށް ގަނެވޭނެ ވަރަށް އިތުރުވެގެންދާނެ ކަމަށެވެ.
ފައުޒީ ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ގިނަ ޒުވާނުން ނުކުމެފައިވާ ކަމަށާއި ކުރިއަށް އޮތް ތނުގައިވެސް ފިފްތް ޖެނެރޭޝަންގެ ދޯނިފަހަރާއި އެކު ޒުވާން ޖީލު މި ސިނާއަތަށް ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގިނަ ޒުވާނުންތަކެއް ނުކުމެއްޖެ ނަމަ ކެޕޭސިޓީ އަދިވެސް އިތުރުކުރްން ޖެހިދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިހާރު މިއޮތް ޕްލޭން އާއި އެކު މަސައްކަތް ނިންމާ މަސްވެރިންގެ ހުރި އުދާސްތަކަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ.