އައްޑޫ ސިޓީގެ ބަނދަރަކީ ބޮޑެތި އާގު ބޯޓުތައް ކައިރި ކުރެވޭނެ ފަދަ ބަނދަރަކަށް މި ސަރުކާރުން ތަރައްގީކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެގޮތުން އެކަން ހާސިލުކުރަން ރައްޔިތުންގެ މަޖިލީހުގެ އައްޑޫއަށް ނިސްބަތްވާ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރު އައްޑޫގައި މިވަނީ ބަނދަރުކުރުމާއި ގުޅިގެންނެވެ. އެކަމާގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެމްބަރު އަސްލަމް ވިދާޅުވީ، އައްޑުގެ ތަރައްގީއަކީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރެ ހިމެނޭގޮތަށް މުޅި ރާއްޖޭގެ ތަރައްގީ ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ، މުޅި ރާއްޖެ ތަރައްގީ ކުރެވޭނީ، ތަރައްގީގެ ވިސްނުމެއްގައި މަސައްކަތްކޮށްގެން ކަމަށާއި އާ ވިސްނުންތަކާއެކު ރައްޔިތުންގެ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
އަސްލަމް ވިދާޅުވީ، އިންޑީއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ، ކާގޯ ފެރީގެ ހިދުމަތަކީ އައްޑޫގެ އިތުރުން ދެކުނުގެ ކުދި އަދި މެންދުފަތީގެ ވިޔަފާރިތަކަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަަށެވެ.
އަސްލަމް ވަނީ، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިންޑިއާއިން މުދާ ހޯދާނެ ގޮތްތައް ފަހި ކުރުމުގެ އިތުރަށް އިންޑިއާ އަށް ވެސް ގެންދެވޭނެ ބާވަތްތަކެއް ދެކުނުގެ ސަރަހައްދުގައި އުފެއްދުމަށް ވިސްނުން ގެންގުޅުމަށް ގޮވާލައްވާފައެވެ.