އަލްމަރުޙޫމް މައިޒާން ޙަސަން މަނިކަކީ މި ޖީލުގެ އެންމެ މުހިއްމު ދިވެހި ވިސްނުންތެރިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަލްމަރުޙޫމް މައިޒާން ޙަސަން މަނިކުގެ ހަނދާނުގައި އެކުލަވާލާފައިވާ "މައިޒާން ޙަސަން މަނިކު 1953-2002" ފޮތް ނެރުމަށް ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަސަން މަނިކު ދަންނަންފެށީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ވަރަށް ތުއްޕުޅު އިރުގައި ކަމަށެވެ.
ހަސަން މަނިކުގެ ފަރާތުން އެނގިފައި ހުރި އެއްޗިއްސާއި އަޑުއިވިފައި ހުރި ވާހަކަތަކަކީ އެމަނިކުފާނުގެ ހަޔާތް ވަރަށް ބޮޑަށް ބައްޓަން ކުރެވޭ ވާހަކަ ތަކެއް ކަމަށާއި ރައީސް ނަޝީދު ދައްކަވާ ގިނަ ވާހަކަތަކަކީ ކޮންމެ ވެސް އިރެއްގައި އެމަނިކުފާނުގެ ހިތްޕުޅުގައި ހަސަން މަނިކު އިންދަވާފައި އޮތް އޮށެއް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޒާތީ ހަޔާތާއި ހަސަން މަނިކުގެ ޒާތީ ހަޔާތާއި ދެބޭފުޅުންގެ ޒާތީ ހަޔާތް ވަރަށް ބޮޑަށް ގުޅިފައިވާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ހަސަން މަނިކުގެ ފަލްސަފާ ވެރިކަމާއި، ފަންނީ ވެރިކަމާއި އަދި ކުޅަދަނާ ކަމަކީ އަބަދުވެސް ހަނދާނުގައި ހުންނަކަމެއް ކަމަށާއި އަބަދުވެސް ފާހަގަ ކުރަން ބޭނުންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު މައިޒާން ހަސަން މަނިކު ދަންނަނީ އޭނާ އަކީ ސައިންޓިސްޓެއްގެ ގޮތުގައި، އޭނާ އަކީ ފިލޯސަފަރެއް، އޭނާ އަކީ ތިންކަރެއް، އޭނާ އަކީ އެކްޓިވިސްޓެއް، އޭނާ އަކީ ސިޔާސީ ބޭފުޅެއް އަދި އޭނާއަކީ ވެރިއެއް. އަޅުގަނޑު ހަސަން މަނިކު ދަންނަނީ މި ދެންނެވި ހުރިހާ ގޮތަކަށް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވަނީ ހަސަން މަނިކު ދުރުވިސްނުނުންފުޅުން ގައުމަށް މިއަދު އައިސްފައިވާ ކުރިއެރުން ފާހަގަ ކުރައްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާކުރުމުގައި އެންމެ ބޮޑު އެއް ބައިވެރިޔާ އަކީ ހަސަންމަނިކުކަން ފާހަގަ ކުރެއްވިއެވެ.