ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި، މަސްވެރިކަމުގައި ވޭތިދިޔައަހަރު ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ދޯންޏަކަށް ޚާއްޞަ އެވޯޑެއް ބުރާސްފަތި ދުވަހު ދީފިއެވެ.
މިއެވޯޑް ލިބިފައިވާ އެއްފަރާތަކީ، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ކުންފުނިތަކަށް މަސްކިރާފައިވާ އުޅަނދެއްގެ ގޮތުގައި ހޮވިފައިވާ ގދ. މަޑަވެއްޔަށް ނިސްބަތްވާ "ކަމަނަ" ނަމަކަށް ކިޔާ ދޯންޏެވެ. މިއުޅަނދުގެ ވެރިފަރާތަކީ ގދ. މަޑަވެއްޔަށް ނިސްބަތްވާ، ސައުތުގޭޓް ޞާދިޤް ޙަސަން އެވެ. މިއުޅަނދުން ވޭތުވެދިޔަ އަހަރު ޖުމުލަ 675 ޓަނުގެ މަސް ކުންފުނިތަކަށް ކިރާފައިވެއެވެ.
މިއެވޯޑް ލިބިފައިވާ ދެވަނަ ފަރާތަކީ، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވޭތުވެދިޔަ އަހަރު ކުންފުނިތަކަށް އެންމެ ގިނައިން މަސް ކިރާފައިވާ "ރަންދުވެލި" ދޯންޏެވެ. މިދޯންޏަކީ ރަސްދޫގެ ދުވެލި ގްރޫޕް އިންވެސްޓްމަންޓް ޕްރައިވެޓްއަށް، ނިސްބަތްވާ އުޅަނދެކެވެ. މިއުޅަނދުން ޖުމުލަ 154 ޓަނުގެ ކަންނެލި ކުންފުނިތަކަށް ކިރާފައިވެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޭ މި އެވޯޑް މިއަހަރު ހާސިލް ކުރި ދެ ދޯނީގެ ވެރިންނަށާއި ފަޅުވެރިންނަށް ޝުކުރާ މުބާރަކްބާދީ މިނިސްޓަރ ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ.