ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) އިން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ އެ ޔުނިއަންގެ އިފްތިތާހީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޚާބަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 70 ދޯނި ބައިވެރިވެފައިވާއިރު، އިންތިޚާބުގައި ވޯޓުލާފައިވަނީ ރަޖިސްޓަރީކޮށްގެން ދުއްވާ އުޅަނދުފަހުގައި މަސައްކަތް ކުރާ އޮޑިވެރިންނާއި މަސްވެރިން ކަމަށް ބީ.ކޭ.އެމް.ޔޫ އިން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 ގައި ފެށި މި ހަރަކާތް ނިންމާލާފައިވަނީ މެންދުރު 3:30 ގައެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ މި އިވެންޓާ ގުޅޭ ގޮތުން އިތުރަށް ތަފްސީލް ކޮށްދެއްވާ އެޖަމިއްޔާގެ އިންތިޚާބީ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ 9:00 ގައި ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ފެށިގެން ކުރިއަށްދިޔަ ކަމަށާއި ވަރަށް ބޮޑު ތަރުހީބެއް މަސްވެރިންގެ ފަރާތުން ލިބިގެން ދިޔަ ކަމަށެވެ. އަދި މަސްވެރިންގެ ވޯޓާއެކު މިހާރު ޔޫނިޔަންގެ ރައީސް، ނައިބް ރައީސް އަދި ސެކްރެޓަރީ އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ކަނޑުމަތީގައި ޖަލްސާ ކުރިއަށް ގެންދިޔައީ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެއީ އެންމެ ރައްކާތެރި ގޮތްކަމަށްވުމާއެކު ކަމަށެވެ. އަދި މަސްވެރިންނާއި އޮޑިވެރިންނަށް އެންމެ ހިތްހަމަޖެހޭ މާހައުލަކީ ކަނޑުމަތިކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިއީ ވަރަށް ސުލްހަވެރި ކާމިޔާބު ހަރަކާތްތަކެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ހަރަކާތުގައި މަސްވެރިންގެ ގިނަ ކަންބޮޑުވުތައް ހިއްސާކޮށް، ހައްލު ކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިކަމާބެހޭ މިނިސްޓްރީއަށް މަސްވެރިންގެ ސޮއާއެކު ޕެޓިޝަން ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހުގެ ހަރަކާތުގައި މާލެ ވަށައިގެން ދޯނި ބުރެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ފާހަގަކުރި ގިނަ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެކަމުގެ އުންމީދު އޮތްކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަންއަކީ ބޮޑުކަންނެލީ މަސްވެރިން ކަމަށް ދިމާވާ ދަތިތައް ހައްލުކޮށް އެކީ މަސައްކަތް ކުރުމަށް މިއަހަރުގެ ފެބްރުއަރީ 09 ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޔޫނިއަންއެކެވެ. އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމެޓީގެ އިންތިޚާބު ފުރަތަމަ ބާއްވަން ނިންމާފައި އޮތީ މިއަހަރު މާރޗު މަހުގެ ފަހުކޮޅެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިންތިޚާބު ލަސްވެގެންދިޔައީ ކަމަށް އެޔޫނިއަންއިން މައުލޫމާތުދެއެވެ.