ކޮވިޑް-19 ގެ ވެކްސިން ރާއްޖެއަށް ގެންނަން މަސައްކަތް ކުރަމުން ދާއިރު މިވެކްސިން ކުޑަކުދިންނަށް ނުޖަހާނެ ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، ވެކްސިން ޖެހޭނީ ވެކްސިންގެ ޓްރަޔަލް ތަކުގައި ބައިވެރި ވެވޭނެ ފަރާތަށް ކަމަށާއި އެގޮތުން މިވެކަސިންގެ ޓްރަޔަލް ތަކުގައި ކުޑަކުދިންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
އަޅުގަނޑުމެންނަށް އެސްޓިމޭޓް ކުރެވެނީ އާބާދީގެ ގާތްގަނޑަކަށް 80 ޕަސަންޓް މީހުންނަށް ކަމަށް މިހާރު މިހުރި ޓްރަޔަލްސް ތަކުގަ ހުރި ވެކްސިން ތަކުން ޖެހޭނީ. މިސާލަކަށް ކުޑަކުދިން ނުހިމެނޭ ވެކްސިން ޓްރަޔްލަސްގައެއް އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަށް އެ ވެކްސިނެއް އައި ކަމުގަ ވީނަމަވެސް ކުޑަކުދިންނަކަށް ނުޖެހޭނެ އިނގޭތޯ.ޑރ. ނަޒްލާ ރަފީޤް
ޑރ ނަޒްލާ ވިދާޅުވީ އާބާދީގެ 20 އިންސައްތައަށް ވެކްސިން ހިލޭ ލިބިގެން ދާނެ ކަމަށާއި އަނެއް 80 އިންސައްތަ މީހުނަށް ވެކްސިން ގަތުމަށް މަޝްވަރާތައް ކުރަމުން ދާ ކަމަށެވެ. ނަމަވެސް މި އެއްވިސް ބައެއްގައިވެސް ކުޑަކުދިން ހިމެނިގެން ނުދާނެ ކަމަށެވެ.
ވެކްސިން އިންވެސް ސައިޑް އިފެކްޓްސް ދިމާވެދާނެކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖެއިން ގެންނާނީ ހަމައެކަނި ދުނިޔޭގެ ސިއްހަތު ޖަމިއްުޔާއިން ބަލައިގަންނަ ވެކްސިން ކަމަށެވެ. އެގޮތުން ރައްކާތެރި އަދި ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާ 4 ވެކްސިނެއް ފާހަގަ ކުރެވިފައިވާކަން އެޗްއީއޯސީން މީގެ ކުރިންވެސް ފާހަގަ ކުރެއްވި އެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެކްސިން ގެނައުމަށް ހަމަޖެހިފައިވާއިރު، ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 3 ދާއިރާއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭނީ ފުރާނަ ސަލާމަތްކުރުމަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވިއެވެ. އޭގެ ފަހުން ސިއްޙީ ފަރުވާ ދޭމީހުންނާއި ކޯވިޑް-19އިގެ މަސައްކަތުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ކުރީސަފުގައި މަސައްކަތްކުރަންޖެހޭ ފަރާތްތައް ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.
އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެއަރޕޯޓް ސްޓާފުންނާއި ޓްރެވެލް އޭޖެންސީސްތަކާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ކުނި ނައްތާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި ޕަބްލިކް ޓްރާންސްޕޯޓްގައި މަސައްކަތްކުރާ ފަރާތްތަކާއި ކަރެކްޝަނަލް ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށްވަނީ ނިންމަވާފައެވެ. މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން އެއްފަހަރާ ނުލިބޭނެކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ތައްޔާރީޔައް ވަމުން ދަނީ ބައިނަލްއަޤްމާވީ ގޮތުން ތައްޔާރުކުރެވިފައި އޮތް ގްލޯބަލް ފްރޭމްވޯކެއްގެ ދަށުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.