ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 12:13
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ޕްރެސް ފްރީޑަމް ކޮންފަރެންސް
ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލަންޖެހޭ: މިނިސްޓަރ ޝާހިދު
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފަ
ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވި
ނޫސްވެރިކަމަށް އޮތް ހުރަސްތައް ނައްތާލަން ރައީސް ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރެއްވި

ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިކަމަށް އެދި ގޮވާލެއްވީ ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ވާހަކަ ދައްކަވަމުންނެވެ. ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމަޢުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު ކަންބޮޑުވުވެ ވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، ކޮވިޑް-19 ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި، މިއަދު މި ހައްޤުގެ ދިފާޢުގައި އަޅުގަނޑުމެން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމަޢުއަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް