މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސިނާއަތުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަރައިގެންދާނެ ކަަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ބާނާ މަސްގަތުމުގައި ސަރުކާރުގެ ކުންފުނި މިފްކޯއިން ފެލިވަރުގައި ފިނިކުރި މަސް ބަންދުކުރާނެ ސްޓޯރޭޖް ނެތުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.
ރާއްޖޭގެ މަސްވެރިން ދުވަހުން ދުވަހަށް ބާނާ މަސް އެންމެ ރައްކާތެރިކަމާއެކު ރައްކާ ކޮށްފައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތަކީ ވަރަށް އަގުބޮޑު އަދި އެހާމެ ރައްކާތެރިކަން އެކަމެއްގައި އެކުލެވޭ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކުރަމުންދާ ތަފާތު އެކި މަސްވެރިކަން ކުރިއަރުވާ، އެކަމުން ލިބޭ ނަފާ އިތުރު ކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ސައޫދީ އަރަބިއްޔާ ސަރުކަރުންނާއި އެގްޒިމް ބޭންކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ މިހުރީ ހަމަޖެހިފައޭ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށްދޭ. ކަރުދާހުގައި ކުރަންހުރި ކަންކަން މިހާރު މިވަނީ ނިމިފަ. ދެން އޮތީ އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތް.މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި ގާއިމުކުރެވޭ ކާރުހާނާތަކަށް ބޭނުންވާ ޖާގަ އިތުރު ކުރުމުގައި އެތަނުގައި ބިމުގެ ޖާގަވެސް އިންތިހާއަށް ދަތިވެފައިވާ ކަމަށާއި އެހެން ކަމުން ފެލިވަރުގައި ބިން ހިއްކުމަށްފަހު އެތަނުގައި ދޮޅު އަހަރުގެ ތެރޭގައި މަސައްކަތްތައް ނިމި ހިދުމަތްތައް ދެވެމުންދާނެ ކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ ފެލިވަރު އެއްކޮށް ތަރައްގީކޮށް ނިމޭއިރު، މަސް ރައްކާ ކުރުމަށް ބޭނުންވާ ނުވަތަ މިފްކޯއަށް 4000 ޓަނުގެ މަސް އެއްފަހަރާ ރައްކާކުރެވޭ ވަރުގެ ސްޓޯރޭޖް ފެސިލިޓީއެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއާއެކު ދެ ޝިފްޓަކަށް ބަހާލައިގެން މަސައްކަތް ކުރާއިރު، 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތާއެކު ކޫއްޑޫއަށް ވެސް 4000 ޓަނު އިތުރު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ގދ ތިނަދޫ އަކީ ވެސް މަސް ގަންނަ ބަނދަރަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެރަށުގައި މަސް ރައްކާ ކުރުމަށްޓަކައި 1000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.