ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 09:29
މިވެބްނަރ ބޭއްވުމަށް ނިންމާފައިވަނީ ވަރޗުއަލްކޮށް ކަމަށް އީ.އެމް.ސީ އިން ބުނޭ
މިވެބްނަރ ބޭއްވުމަށް ނިންމާފައިވަނީ ވަރޗުއަލްކޮށް ކަމަށް އީ.އެމް.ސީ އިން ބުނޭ
އީ.އެމް.ސީ
ލޯތްބާއި އިހްތިރާމު ނެގެހެއްޓުން
ބަދަހި މުޖުތަމައަކަށް ލޯތްބާއި އިހުތިރާމްގެ މުހިއްމުކަން އަނގައިދިނުމަށް ވެބިނަރއެއް ބާއްވަނީ
މުޖުތަމައުގެ ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
މި ވެބިނަރ އޮންނާނީ ޑިސެންބަރު 12 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ން 3:00ށް
އީ.އެމް.ސީގެ އަމާޒަކީ މިފަދަ ތަފާތު ހަރަކާތްތަކުގެ ތެރެއިން މުޖުތަމައު ބަދަލުކޮށްލުން

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) އިން އިންތިޒާމްކޮށްގެން ލޯތްބާއި އިހްތިރާމު ނެގެހެއްޓުމުގެ މައުޟޫއަށް ވެބިނަރއެއް ބާއްވަން ނިންމައިފިއެވެ.

މުޖުތަމައުގެ ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި ވެބިނަރ އޮންނާނީ، 2020 ޑިސެންބަރު 12 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ން 3:00ށް ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ކަމަށް އީ.އެމް.ސީ އިން މައުލޫމާތުދެއެވެ.

އީ.އެމް.ސީ އިން ބުނީ މިވެބިނަރގައި މައުލޫމާތު ދެއްވާނީ އިޖްތިމާއީ ކަންކަމުގައި އިސްސަފުގައި ހަރަކާތްތެރިވާ، ވިލިޖޯލީގެ ޗީފް ވޮލަންޓިއަރ މުހައްމަދު ޝިހާބު ކަމަށެވެ. ޝިހާބުގެ ވާހަކައަމާޒު ކުރައްވާނީ، މުޖުތަމައުގައި އާއްމުވަމުންދާ ނުތަނަވަސްކަމާއި، އަނިޔާވެރިކަމާއި އަދި އެކަންކަމުން އަރައިގަތުމަށް ޒިންމާދާރު ފަރުދުން ބިނާކޮށް އޯގާތެރި އާއިލާއެއް ބިނާކުރާނެ ގޮތުގެ މައްޗަށް ކަމަށް އީ.އެމް.ސީ އިން މައުލޫމާތުދެއެވެ.

އީ.އެމް.ސީގެ ކޯ-ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި މިފަދަ ސެޝަނެއްގައި ބައިވެރިވުމަކީ، އަމިއްލަ ނަފްސު ތާޒާކޮށް، ވަށައިގެންވާ މާހައުލާއި ހިނގަމުންދާ ކަންކަމާއި އަދި ގޯސް ކަންކަން ރަނގަޅު ކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ފިކުރު ކޮށްލުމަށް މަގު ކޮށައިދޭނެ ކަމެއް ކަމަށެވެ. އަދި އެމަގުން އަމަލުތައް ބައްޓަން ކުރެވޭނެނަމަ ސެންސް އޮފް ޕާރޕަސް ނުވަތަ ބޭނުންތެރިކަމުގެ އިހްސާސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީ.އެމް.ސީގެ އަމާޒަކީ މިފަދަ ތަފާތު ހަރަކާތްތަކުގެ ތެރެއިން މުޖުތަމައު ބަދަލު ކޮށްލުންކަމަށް އެޖަމްއިއްޔާއިން މައުލޫމާތުދެއެވެ. އަދި އާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވި މުޖުތަމައު އާއްމު ހާލަތަކަށް ރުޖޫއަ ވުމުން، ޖަމްއިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމުގެ ޔަގީންކަން އީ.އެމް.ސީ ދެއެވެ.

އީ.އެމް.ސީ އިން މިފަހަރު ކުރިއަށް ގެންދިއުމަށް މި ހަމަޖެހިފައިވާ ވެބިނަރގެ މައުލޫމާތު ޖަމްއިއްޔާގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

- ކޮމެންޓް