މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ހާއްސަ ސުލްހަވެރި ދޯނި ބުރެއް މާލޭ ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) އިން ބުނީ ދިވެހި ރާއްޖޭގެ މަސްވެރިން ތިބީ ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައި އޮތީ މަސްވެރިންގެ ކަންބޮޑުވުންތަކާއެކުކަން ފާހަގަކޮށް ބީކޭއެމްޔޫއިން ބުނީ ބާނާ މަސްކޮޅު ނުކުރުމާއި، ކިރަން އެތަށް ދުވަހެއް ނެގުމާއި، ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މިހުރިހާ ކަންބޮޑުވުންތަކާއެކު އޮޑިވެރިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި، ބޮޑުކަންނެލި މަސްވެރިންގެ ހާއްސަ ސުލްހަވެރި ދޯނި ބުރެއް މާލޭ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށް ބީކޭއެމްޔޫއިން ބުނެއެވެ.
މީގެ އިތުރުން ބީކޭއެމްޔޫގެ ގެ އިފްތިތާހީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުން ވެސް މަސްވެރިން ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ބީކޭއެމްއިން ބުނީ ކޮވިޑް-19ގެ ސަބަބުން ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދިއުމާއި، ޖަމިއްޔާގެ ހަގީގީ މަގުސަދުގައި މަސައްކަތްތަށް ކުރުމާއި ހިންގުމާއި ގުޅިފައިވާ އެންމެހައި ދަތި އުދަނގޫތަކުގެ ސަބަބުން މެންބަރުންގެ ކަންބޮޑުވުން އިތުރުވުމާއިއެކު، ޖަމިއްޔާގެ، އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުމާއި، ހިންގާ ގަވާއިދު ފާސްކުރުން މިހިނގާ ޑިސެންބަރު މަހު 10 ވާ ބުރާސްފަތި ދުވަހު، (މަސްވެރިންގެ ދުވަހު) ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ބީކޭއެމްއިން ބުނީ މި ޖަލްސާ ބާއްވާ ތަނަކީ ފަޅުތެރޭ ކަންނެލި ދޯނިތަކުގައި ކަމަށެވެ.