ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވާ ކަމަށް ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި މި އަހަރުގެ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް އަށް ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށެވެ. ނަމަވެސް ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ދެންނެވި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައްވެސް މި އަންނަނީ އަޅަމުން. އެފަދަ މައްސަލަތަކުގެ ތެރެއިން ތަހުގީގީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެބަ އަޅަން. އަދި ޕޯރޓަލްއިން ފާހަގަވާ ކަންކަމާމެދު، މުއައްސަސާތަކާ މަޝްވަރާކޮށް، ޕޮލިސީ ލެވެލްގަޔާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިޞްލާޙުތައްވެސް އެބަ ގެންނަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ކޮވިޑް-19އަށްފަހު ގައުމު ބިނާކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކުރަންޖެހޭ ކަންކަން ކުރުމަށް، 2020 އިން 2022 އަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި، ޕްލޭނެއް އެކުލަވައިލައި، މިހާރު އަމަލުކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރެއިން އެއްކަމަކީ، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް އާންމުކޮށް ފެންނާނޭހެން ހާމަކުރުން ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް އައްޔަނުކުރެވޭ ބޭފުޅުން ހިމެނޭކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ގާނޫނުލްއުގޫބާތަށް ދެ ކުށެއް އިތުރުކުރުމަށް ދެ އިސްލާހެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއީ ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުން، ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިނާޔަތްތެރިވުމަކީ، ކުށެއްކަން ކަނޑައެޅުމުގެ އިސްލާހު ކަމަށެވެ.
އަނެއްކަމަކީ، މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލުގެނައުން. މިކަންކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިގުތިސާދު އަލުން ކޮޅަށްޖަހަން މިކުރާ މަސައްކަތުގެ ތެރޭގައި، ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ހަދައި، ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މި އަހަރުގެ ފެބުރުވަރީ 23 ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ބިޑްކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވޭގޮތަށް، މާލިއްޔަތު ގަވާއިދުގައި އޮތް މާއްދާ އިސްލާހުކޮށް މިހާރު އަންނަނީ އަމަލުކުރަމުން ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން ކުރުވާ މަސައްކަތްތަކުގެ އެގްރީމަންޓް ހެދުމުގެ ކުރިން، ބީލަމާ ގުޅިގެން މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ދިނުމަށް ލާޒިމުކޮށް، އެފަދަ މައްސަލަތައް ބެލުމަށްފަހުގައި މެނުވީ ކޮންޓްރެކްޓްތަކުގައި ސޮއިނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހު ކުރެވިފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އެބަ އާންމުކުރެވޭ ކަމަށާއި، އެބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއްގެ އިވެލުއޭޝަން ރިޕޯޓުގެ ޚުލާސާ ވެސް އާންމުކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ބީލަމެއް އެވޯޑް ކުރެވުނު ގޮތާއި، އެވޯޑް ކުރެވުނު ފަރާތާއި، އަދި ބިޑަށް ކުރިމަތިލި ފަރާތްތަކަކީ ކޮބައިކަމާއި، ބީލަމުގެ ކަންތައް ކުރިއަށް ގެންދިޔަގޮތް، ރައްޔިތުންނަށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެންގުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑު އުންމީދުކުރަނީ، މި ކޮންފަރެންސްގައި ތިޔަބޭފުޅުން ކުރެއްވި މަޝްވަރާތަކުން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށް. އަދި ދައުލަތް ހިންގުމާއި، ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ދިވެހި މުޖުތަމައުން ކޮރަޕްޝަންގެ ނުބައި ވިހަ ނައްތާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެ ގޮންޖެހުންތަކާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.