ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 21:47
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
އެންޓި-ކޮރަޕްޝަން ދުވަސް
އެމްއެމްޕީއާރުސީގެ މައްސަލައަކީ އޭރުގެ ސަރުކާރަށް ކޮރަޕްޝަނެއް ނޫން: ރައީސް ޞާލިހު
އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިވީ ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން
ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ކަމަކީ އެ ވާހަކަ ދައްކާ މީހާވެސް ކޮރަޕްޝަނާ ދުރުވުން
ވިސްލްބްލޯކުރާ ފަރާތްތައް ޤާނޫނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނާއި ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އެކަން ކުރީ ވެރިކަން ފުރޮޅާލަން އުޅޭކަމަށް ޝައްކު ކުރެވުނު ބަޔަކު ހިފާ ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، މިއަހަރުގެ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް އަށް ދެއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސް ޞާލިހު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުން ކަމަށެވެ. އެގޮތުން ރައީސް ޞާލިހު ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވީ ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ރައީސް ޔާމީނަށް ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން ކަމަށެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން ކަމަށާއި އެކަން ކުރީ، ވެރިކަން ފުރޮޅާލަން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމަށެވެ.

އެންމެ ފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ. އެމައްސަލަވެސް ފެންމަތިވީ، ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން. ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރުދީ، ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވާލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން ކަމަށެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މިޤާނޫނުގެ މުހިންމު މަޤްޞަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އެބަވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ، ކޯވިޑް-19 އަށްފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން 2020 އިން 2022 އަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި، ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް އަމަލު ކުރަމުން އަންނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްލޭންގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުންގެ މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

- ކޮމެންޓް