ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 14:25
ޝަހީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
ޝަހީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
މުހައްމަދު ފަޒީން
130 ކިލޯގެ މަަސްތުވާތަކެތީގެ މައްސަލަ
ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލުމުން، ހައިކޯޓުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި
ޝަހީބަކީ މަސްތުވާތަކެތި ވިއްކުމުގެ އިތުރުން މަސްތުވާތަކެތީގެ ނެޓްވޯކެއް އޮޕަރޭޓްކުރާ މީހެއްް ކަމަށް ތުހުމަތު ކުރެވޭ
އޮކްޓޫބަރު މަހު ރާއްޖެއިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތި ގެނައުމުގައި އިސްކޮށް އުޅުނީ ޝަހީބު

ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުމުގެ ތުހުމަތުކުރެވޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު، ޝަހީބް އިބްރާހީމް، ލައިޓްހައުސް، ގއ. ވިލިނގިލި, ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.

ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ހައިކޯޓުން މި މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށާއި ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބެހެއްޓުމަށް ނިންމާކަމަށެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އަދި މި މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔާ އެއްގޮތަށެވެ.

ޝަހީބަކީ މަސްތުވާތަކެތި ރާއްޖެއެެތެރެކޮށް، ވިއްކުމާއި ޓްރެފިކް ކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ނެޓްވޯކެއް އޮޕަރޭޓް ކުރާ ފަރާތެއްކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ މީހެކެވެ. އަދި ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ގައެވެ.

މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މި މައްސަލައިގެ ތުހުތަމުގައި ޝަހީބު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރަން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިކުރުމުން، އޭނާ ދޫކޮށްލަން އެ ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހަތް މީހަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރާއި 48 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ ތެރޭގައި މެތެމްފެޓަމިން އަދި ހެރޮއިން ހިމެނެއެވެ.

މި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ކުރެވޭ ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.

ޝަހީބަށް މަސްތުވާތަކެތީގެ ގިނަ ތުހުމަތުތައް ކުރެވޭއިރު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައިގައިވެސް އޭނާ ގުޅުން އޮތް ކަމަށް ފުލުހުން ބުންޏެވެ.

- ކޮމެންޓް