ތަންތަން ކުއްޔަށް ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އެޑްވާންސަށް ފައިސާ ނަގައިގެން އޮޅުވާލާ މައްސަލަތައް އިތުރުވެ، އެފަދަ ކަންކަމަށް ސަމާލުވުމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލައެއް ވާހަކައެއްގެ ގޮތުގައި އާންމުން ހޭލުންތެރިކުރުމަށް ހިއްސާކޮށް، ފުލުހުން ބުނީ، އޮޅުވާލައިގެން އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރާނެކަމަށް ބުނެ މީހުން އަތުން ގިނަ އަދަދަކަށް ފައިސާ ނަގާކަމަށާއި އެ މުއައްސަސާއަށް އެފަދަ ގިނަ މައްސަލަތަކެއް ހުށަހެޅޭކަމަށެވެ. އެގޮތުން، މިކަމުގެ ސަބަބުން ގިނަ އާއިލާއަތަކަށް މާލީ ގޮތުން އެތައް ގޮންޖެހުންތަކަކާއި ދިމާވެފައިވާކަމަށެވެ.
ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު، ގިނަ މައްސަލަތަކުގައި މުއާމަލާތް ކުރާ ފަރަތަކީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ ގުޅުންހުރި ފަރާތްތޯ ޔަގީން ނުވުމާއި ތަން ކުއްޔަށް ދޭން ވާހަކަ ދައްކާ ފަރާތްތުގެ ވަނަވަރު އޮޅުވާލުމުގެ އިތުރުން އެޑްވާންސަށް ފައިސާ ދޭއިރު ކާކުކަން ޔަގީންނުކޮށް ފައިސާ ޓްރާންފަރ ކުރުމާއި ނުވަތަ ނަގުދު ފައިސާ އެގްރީމެންޓަކާ ނުލައި ހަވާލުކުރާކަން އެފަދަ މައްސަލަތަކުގައި ފާހަގަވެއެވެ. އަދި، މިފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، ފާރަވެރިވެ ތިބެއްޖެނަމަ ހުއްޓުވި ދާނެ ނުވަތަ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެފަދަ މައްސަލަތަކެއްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ތަނެއް ކުއްޔަށްހިފާއިރު އެއީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ އެތަނަކާ ގުޅުންހުރި ފަރާތްތޯ ބަލައި ޔަގީން ކޮށް، ސައްހަ އެއްބަސްވުމެއް ހޯދައި ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެއްބަސްވުމުގައި އިނގިލީގެ ނިޝާން ޖަހައި ދެ ހެކިންގެ ހާޒިރުގައި ފައިސާ ހަވާލުކުރުމަކީ މަކަރުވެރިންގެ އަތްދަށުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.