ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިސްލާމް ދީން ބޭނުން ނުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދު ގޮވާލައިފި އެވެ
އަންގާރަ ދުވަހުގެ ރޭ އިދިކޮޅު ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ބައެއް ފަރާތަށް "ދީން ހަތިޔާރަކަށް" ބޭނުން ކުރާތީ ހިތާމަ ކުރާ ކަމަށެވެ. ޔާމީންގެ މަރުގެ ތަޙްގީގް ނުނިމެނީސް އެފަދަ ތުހުމަތުގެ އިނގިލި ނުދެއްކުމަށް ޝިފާ ވަނީ އިލްތިމާސްކޮށްފައެވެ.
"ދީނަކީ އެކަން ކަމަށް އޮންނަ ކަމެއް ނޫން، ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ނުވާނެ އެއްވެސް ފަރާތަކުން، ދީނަކީ އެފަދަ ހަތިޔާރަކަށް ބޭނުންކުރަން ފަށާފިނަމަ ވަރަށް ބޮޑު ނުރައްކާތެރި ކަމަކަށް ވެދާނެތީ، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް އަޅުގަނޑު ތަކުރާރުކޮށް ގޮވާލަން" ޝިފާ ވިދާޅުވިއެވެ.
ތާރީހުގެ ތެރޭގައި ހިނގާފައިވާ މަރުގެ މައްސަލަތަކަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، އީވާން ނަޝީމު ޖަލުގައި ރަހުމްކުޑަގޮތަށް މަރާލުމާއި ގުޅިގެން ވެސް އެނާ އަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެއަށް ފަހު ވީނުވީއެއް ނޭގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ޔާމީންގެ މަރާ ގުޅިގެން ވެސް ބައެއް ފަރާތަށް އެފަދަ ވާހަކަތައް ދައްކާ ކަމަށް އެނާ ވިދާޅުވިއެވެ.
ޔާމީން ރަޝީދު މަރުވުމުގެ ކުރިން ލިޔެފައިވާ ލިޔުންތަށް ކިޔާލުމުން ދޭހަވަނީ އޭނާ އަކީ އިންސާނީ ޙައްގުތަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި މެދު ފުންކޮށް ވިސްނާ އެނާ ވަނީ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ އަސާސީ ޙައްގުތަށް ލިބެންވާނެ ކަމަށް ލިޔާލުފާޅުކޮށްފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
"އިންސާނިއްޔަތަށްޓަކާއި ލިޔެފައިވާ ލިޔުންތަކެއް ހުރީ، ކޮންމެ އިންސާނެތްގެ ވެސް އިންސާނީ ޙައްގުތަކެއްވާކަން، އަދި އެއަކީ އެއްވެސް ކޮޅަކަށް ބުރަވެގެން ލިޔެފައި ހުރި އެއްޗެއް ނޫން، އެހެންވީމާ އަޅުގަނޑުމެން މިކަން އެބަ ހުއްޓަން ޖެހޭ އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމަށްޓަކާ" ރިލްވާނާއި ޔާމީން ލިޔެފައިވާ ލިޔުންތަކަށް އިޝާރަތްކޮށް ޝިފާ ވިދާޅުވިއެވެ.