ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ މިންގަނޑު ބެލުމަށްފަހު، ޕޮއިންޓްދޭ މިންގަނޑު އާންމުކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ނިންމައިފިއެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަޔަށް، އިންސާފުވެރި އަދި ހަމަހަމަކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންކަމަށެވެ. އަދި ކޮމިޓީން ނިންމައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފަޔާއެކު، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލާފައިވާކަމަށް އެ ކޮމެޓީން ބުނެއެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އިތުރަށް ބުނީ ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތަކީ، އެ މައުލޫމާތު ކުރިން ހާމަކޮށްފިކަމުގައިވާނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއްކަމަށް އެ ކޮމިޓީއަށް ފެންނަކަމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓްދޭ މިންގަނޑު ހާމަކުރާނީ ފްލެޓްތަކުގެ ވަގުތީ ލިސްޓު އާންމު ކުރުމަށް ފަހު ކަމަށް އެ ކޮމެޓީން ބުނެއެވެ.
ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގައި ކޮމެޓީން އެކުލަވާލާފައިވާ މިންގަނޑު އާންމު ކޮށްފައިވާ ކެޓަގަރީތަކަކީ:-
1. H4(ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ
2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ
3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ
4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ
6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ