އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ މައްސަލަތައް ބަލައި، އެ ދަރިވަރުންނަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިންގ ސްކޫލުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ އެ ސްކޫލުގެ ދަރިވަރުން ވަނީ ކަމާއި ގުޅުންހުރި ގިނަ އިދާރާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މިހާތަނަށް އެކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އެ ދަރިވަރުން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ބޭއްވި އާސްކް ސްޕީކާރ ޕްރޮގްރާމުގައި އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޓްރާންސްޕޯޓު އޮތޯރިޓީއާއި، ހަޔަރ އެޑިއުކޭޝަންގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ލިބިފައި ނެތް ނަމަވެސް، މަޖިލީހަށް އެކަމުގައި ސިޓީއަކުން ދަންނަވާ ހިސާބުން އެކަންކަން ބެލިގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން ސަރުކާރުގެ އެކި ވުޒާރާތަކަށް އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވާ ދަރިވަރުން، އެ ސްކޫލުގައި ދިމާވާ ކަންކަމުގެ ޝަކުވާ ހުށަހެޅިއިރު، އެކަންކަން ފުރިހަމައަށް ބެލެންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެކަމުގައި ޝަކުވާ ހުށަހެޅިއްޖެނަމަ އެކަން އެ މަޖިލީހުން ބަލާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ އަހުމަދު އަހަދު، ރައީސް ނަޝީދަށް ކުރިމަތިކުރުވި ސުވާލުގައި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފްލައިންގ ސްކޫލުގެ ކޯސްތަކަށް 18 މަސް ދުވަސް ހޭދަވާއިރު، މުޅި ކޯސް ނިމުމަށްޓަކައި 3 ނުވަތަ 4 އަހަރު ހޭދަވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން އެ ސްކޫލުގައި ތަމްރީނު ދިނުމަށް އެންމެ އެއަރ ކްރާފްޓެއް ބޭނުންކުރަމުން އަންނައިރު، އެކަމުގައި ހުށަހެޅި އެއްވެސް ޝަކުވާއަކަށް އެ ސްކޫލުން ފުރިހަމަ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އަހުމަދު ބުނެއެވެ.
އޭނާ ބުނީ މި ހުރިހާ ކަމަކަށް އެންމެ އެކަށޭނަ ޖަވާބެއް އެ ސްކޫލުގެ މެނޭޖްމެންޓުން ދީފައި ނުވުމުގެ ސަބަބުން 86 ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކޮށް، ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށާއި އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަނަށް އެކަން ހުށަހެޅުމުން ނޫސް ބަޔާނަކުން އެކަންކަން ރަނގަޅު ކުރުމަށް އައްޑޫ ފްލައިންގ ސްކޫލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި އެ ސްކޫލުން ދަނީ ދަރިވަރުން ވަކި ކުރުމަށާއި އަދިވެސް ތަފާތު އިންޒާރުތައް ދެމުން ކަމަށް އޭނާ އަހުމަދު އަހަދު ބުންޏެވެ.
އޭނާ ވަނީ ދިވެހި ސަރުކާރަށްވުރެ އައްޑޫ ފްލައިންގ ސްކޫލުގެ ބާރުގަދަ ކަމަށް ބުނެ، އެކަމުގައި މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ނަޝީދުގެ ކިބައިން އެދިފައެވެ.