މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ބޯހިޔާވަހިކަަމުގެ ދަތިކަން ކަމަށާއި މިކަމަށް ހައްލެއް ލިބޭނެ ދުވަހަކާއި މެދު ރައްޔިތުން އަބަދުވެސްް އެކި ގޮތް ގޮތުން ސުވާލު އުފައްދާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިކަމަށް ހައްލު ލިބެނެ ކަމަށާއި މިކަމަށް ހައްލު ލިބިގެން ދާނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފާއިތުވި ސަރުކާރު ތަކުގައި މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމަށް ހައްލު ގެނެވިފައި ނުވާކަމަށެވެ. އެގޮތުން އެތަކެއްް ޖެނރޭޝަން ތަކެއް ފާއިތުވެފައިވާކަމަށެވެ. އެގޮތުން މިއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެކަމަށް ހައްލު ކުރެވޭނީ އެމްޑީޕީ ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމަށް ހައްލު ލިބޭނެ ކަމަށާއި މިބާވަތުގެ ކަމެއް ކުރުމުގެ ވަސީލަތްތައްވެސް އަދި ވިސްނުން ތެރިކަމާއި، ހުނަރުވެރިކަމުގެ އިތުރުން މުއްސަނދި ކަންވެސް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ޔަގީންކަން އަނެއްކާވެސް އަރުވާނީ މިމަސައްކަތް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހިރާއްޖޭގައި ޙުދު މުހުތާރު ވެރިކަން ނިމުމަކަށް ގެންނަށް ފަށާއިގެން އެންމެ ބޮޑު އެއް ސަބަބު އެއީ އާންމު ހާލަތު ރަނގަޅުވެ ދިރިއުޅެވޭނެ ގޮތެއްވުން. މާލޭގަ ދިރިއުޅޭ މީހުންނަށް ބޯހިޔާ ވަހިކަމެއް ނުލިބި އެތައްއެތައް ޖެނެރޭޝަނެއް ވެގެން މިހާރު މިދާނީ. އެއީކީއެއް ރަނގަޅު ކަމަކަށް ވެގެންނެއް ނުދާނެ. އެކަން ހައްލު ކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތްވެސް ކުރަންޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި ހައްލު ކުރެވޭނީވެސް އެމްޑީޕީގެ ވެރިކަމަކަށް.ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު މި ޔަގީންކަން އަރުވާފައިވާއިރު، މާލެ ރައްޔިތުންނަށް ހާއްސަކޮށް ޑިސެމްބަރު މަހުގައި 3000 ފްލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދިރިއުޅެން ކަމުންދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާއިރު މިސަރުކާރު ނިމޭއިރު، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯތިގެދޮރު ލިބިގެންދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.