ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 28 ޖަލްސާ އެއް ބޭއްވުމަށްފަހު ދައުރު ނިންމާލާ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފިއެވެ.
ހޯމަ ދުވަހު މިއަހަރުގެ ފަހު ޖަލްސާ ބާއްވާފައިވާއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިދައުރުގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކާއި ހާސިލްކުރެވުނު ނަތީޖާތައް ހާމަކޮށްދެއްވާފައެވެ.
މިދައުރުގައި މަޖިލީހުން ނިންމާފައިވާ މަސައްކަތްތަކަކީ:
15 ބިލެއް
ރިޔާސަތުން ހުށަހަޅާފައިވާ 8 މައްސަލަ
ސަރުކާރުން ހުށަހަޅާފައިވާ 8 މައްސަލަ
އެހެނިހެން 14 ކަމެއް
ވަޒީރުންނާއި 17 ސުވާލު ކުރެއްވި
އީވާ ވިދާޅުވީ މިދައުރުގައި މަޖިލީހުން މުހިންމު ބިލްތަކެއް ފާސްކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ތައުލީމުގެ ބިލާއި ފުލުހުންގެ ޚިދުމަތުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލް ފާހަގަކުރެވޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އިންތިގާލީ އިންސާފުގެ ބިލްވެސް އެއީ މިދައުރުގައި ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އީވާ ވިދާޅުވިއެވެ. އަދި މިދައުރުގައި ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވާކަން ވެސް އީވާ ފާހަގަކުރެއްވި އެވެ.
އީވާ ވިދާޅުވީ މިދައުރު ކޮމިޓީތަކުން އިސްކަމެއްދީގެން ކޮށްފައިވަނީ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަންކަމަށެވެ.
ކޮމެޓީތަކުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ފާހަގަކުރެވެނީ އިސްކަމެއް ދެއްވާފައިވަނީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަމާއި ބެހޭ ގޮތުން ކޮމިޓީތަކުން މަސައްކަތްކުރައްވާ އެކަންކަން ތަހުގީގުކުރެއްވުމަށް ގޮވާލައްވާ ކުރެއްވި މަސައްކަތްތައް. އަޅުގަނޑުމެން ހެލްތު މިނިސްޓްރީގެ ކޮވިޑް-19 އާއި ގުޅޭ ފައިނޭންޝަލް އޮޑިޓް ރިޕޯޓާއި ގުޅިގެން މިތަނުން ފާސްކުރި ކޮމިޓީ ރިޕޯޓް އަދި މިއަދު މިފާސްކުރި އެސްއޯއީ ކޮމިޓީގެ ރިޕޯޓް މިހެންގޮސް މިކަހަލަ އެތައް ކޮމިޓީ މަސައްކަތެއްވެސް އިއްޒަތްތެރި މެމްބަރުން ކުރައްވާފައިވަނީ.އީވާ އަބްދުﷲ/ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
އީވާ ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ކުރި މަސައްކަތްވެސް ފާހަގަކުރައްވާފައެވެ.
ދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.