ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެއަރޕޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލައްވާފައި ވަނީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ގައި، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކަމާއި، ލުއިފަސޭހަކަމާއި، ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ޚާއްސަ ހާލަތެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، މި ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ، އެއަރޕޯޓުތަކަކީ މިހާރުވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އަދި، ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި ނައިބް ރައީސް ފައިސަލްވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއަރޕޯޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަށައަޅާފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ދަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ވެސް ބައްދަލުކުރެއްވުމުގެ ބައިވެރިންވަނީ ނައިބް ރައީސް ފައިސަލްއާ ހިއްސާ ކުރައްވާފައެވެ. އަދި ނައިބު ރައީސްވަނީ، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރައްވާ، އިރުޝާދު ދެއްވާފައެވެ.