ކ. މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހިނގާދިޔަ މި ހާދިސާ ހިނގާދިޔަގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބެވެ.
ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން މައުލޫމާތު ސާފުކޮށްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ. ކޮމިޓީން މިކަން ދިރާސާކުރިއިރު ޤާނޫނާއި ގަވާއިދާ ޚިލާފަށް ފަތުރުވެރިޔާ ހައްޔަރުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި އަމަލުކޮށްފައިވޭތޯ ބަލާފައިވާނެކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް އަންހެނަކު ހިފައި ހައްޔަރުކުރުމުގައި އަންހެން ފުލުހަކު އެކަން ކުރުމަށް ލާޒިމްކުރާ ޚާއްސަ އިޖުރާޢަތެއް ކަނޑައަޅާފައިވޭތޯ ކޮމިޓީން ބަލާފައިވެއެވެ. މިކަންކަން ބެލުމަށްފަހު ކޮމިޓީން ވަނީ 6 ހޯދުމެއް ހޯދާފައެވެ.
އޭގެތެރޭގައި ހިމެނެނީ މާފުށީ ސްކޫލް ކައިރީގައި ދެ ބިދޭސީއަކު އެކަކު އަނެކަކު ގަޔަށް އަތްލާ މާރާމާރީ ހިންގަމުންދާކަމަށް ބުނެ މާފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާކަމަށާއި އެދެފަރާތުގެ ދެމެދުގައި ޖެހިފައިވާ މައްސަލައަކީ ބިދޭސީ އަންހެން މީހާ ނިވާކަން ކުޑަކޮށް ހުރުމުން ހިނގާފައިވާ ހަމަނުޖެހުމެއްކަމަށް ފުލުހުންނަށް އެނގިފައިވާތީ އޭނާގެ ހަށިގަނޑު ނިވާކުރުމަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާފައިވަނީ ދެ ފަތުރުވެރިންކަން އެނގިފައިވާކަމަށާއި އެ ދެ ފަތުރުވެރިން ތިބީ މަސްތުގެ ހާލަތުގައިކަން ފާހަގަކުރެވިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހަށިގަނޑު ނިވާކުރުމަށް ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވިނަމަވެސް އެކަމަށް އިންކާރުކޮށް ފުލުހުންގެ ތެރެއިން ފުލުހެއްގެ ބޮލުގައިވާ އައިނު ނަގައި އަތުލާފައިވާކަމަށާއި އަދި ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ފުލުހެއްކަން އަންގައިދޭ ކާޑު ދަމައިގަތުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް އުޅުމުން އެ މަސައްކަތްކުރި ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ފަތުރުވެރިޔާ އެވަގުތު ލައިގެން ހުރި ހެދުމަކީ ޤާނޫނުގައި ކަނޑައަޅާގައިވާ ގޮތާއި ޚިލާފު ހެދުމެއްކަމަށާއި އެފަދަ ހެދުން ލައިގެން އުޅުން މަނާކަން އަންގައިދޭ ނިޝާން އެ ފަތުރުވެރިން ތިބި މާފުށީގެ އަތިރިމަތީގައި ހަރު ކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކޮށް އެ ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިޔުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ނިންމާފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.