ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރުއައި) ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުންދީފިއެވެ.
މި މުއާހަދާގައި ބައިވެރިވުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުން ވަނީ އެމުއާހަދާގައި ބައިވެރިވުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ. މި މުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ.
ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ މި އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެއަށް ބައިނަލްއަގްވާމީ މުޖުމަތަމައުގައި އިތުރު ފުރުސަތެއް ފަހިވާނެކަމަށެވެ. އަދި މި އެއްބަސްވުމަކީ މޫސުމީ ގެއްލުންތަކުން ރާއްޖެ އަރައިގަތުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގައި ރާއްޖެ ބައިވެރިވުމާމެދު ޤާނޫނީ ގޮތުން އިއުތިރާޒުކުރާނެ ތަނެއް ނެތްކަމަށް ކޮމިޓީއަށް ޤާނޫނީ ލަފާ ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
މި މުއާހަދާގައި ބައިވެރިވުމާމެދު މަޖިލީހުން ދެކޭގޮތެއް ކަނޑައެޅުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ދެމެހެއްޓެނެވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ ކަންކަން ވަރުގަދަކޮށް ކުރިއެރުމަށްޓަކައި ގައުމުތަކާއި އދ ގެ އެޖެންސީތައް ޕްރޮގްރާމްތަކާއި މަލްޓިލޭޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމުތަކާއި ޕްރައިވެޓް ސެކްޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕަރޓްނަރޝިޕެއް ކަމުގައިވާ ސީޑީއާރުއައި ގައި ބައިވެރިވުމާއި ގުޅޭގޮތުން 13 އޮކްޓޯބަރ ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު މިމުއާހަދާގައި ބައިވެރިވުމުގައި ނިންމާފައިވާކަމަށެވެ.