ކެޕިޓަލް މާކެޓް ފުޅާކުރުމަށްޓަކައި މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް އެފަދަ ވަސީލަތްތަކަކީ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ކަންކަން މާކެޓަށް ތަޢާރަފްކުރުމަށް ބޭނުންވާ ރެގިޔުލޭޓަރީ އޮނިގަނޑު ކަނޑައަޅާގޮތަށް މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފިއެވެ.
މިހާރު ފާސްކޮށްފައިވާ ބިލްގައި ވަނީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާއި ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމަށްވަނީ ބަޔާންކޮށްފައެވެ. އަދި ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި ދިރާސާތައްކޮށް އަދި އެކަންކަމާމެދު އާންމުން އަހުލުވެރިކުރުވުމަށްވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑިންގ އަދި ޑިޕޮސިޓަރީ ސިސްޓަމް ގާއިމުކުރުމަށްޓަކައި ސެކިއުރިޓީޒް ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޓްރޭޑިންގ ސިސްޓަމަކާއި ޑިޕޮސިޓަރީ ސިސްޓަމެއް އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ސްޓޮކް އެކްސްޗޭންޖުން ގާއިމުކުރަންވާނެ ކަމަށްވެސް ވަނީ މިހާރު ފާސްކޮށްފައިވާ ބިލްގައި ބަޔާންކޮށްފައެވެ. އަދި މި ސިސްޓަމްތައް ގާއިމުކޮށް ހިންގަންވާނީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށްވަނީ ބަޔާންކޮށްފައެވެ.
ހިއްސާގެ ބާޒާރު ކުރިއެރުވުމުގެ މަގްސަދުގައި ޝަރުތު ފުރިހަމަވާ ޓްރޭޑިންގ ސިސްޓަމަކާއި ޑިޕޮސިޓަރީ ސިސްޓަމެއް ގާއިމުކުރުމާއި ހިންގުމަށް ބޭނުންވާ ޚަރަދުކުރުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމަށްވަނީ ބަޔާންކޮށްފައެވެ. އަދި ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާއި ގުޅޭ އެންމެހައި ފީތައް ކަނޑައަޅާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންކަމަށްވަނީ އިސްލާހު ގެނެސްފައެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ޖަލްސާގައި، މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.