ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމުގެ ބާރު ލިބިދޭގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެންނައުމުގެ ބިލް ފާސްކޮށްފިއެވެ.
މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ބިމާއިބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިގްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރެވޭގޮތަށެވެ. ޤާނޫނަށް މިގެނައި އިސްލާހާއެކު ބިމާއި ގުޅޭ ކަންކަން ކައުންސިލްތަކުން ކުރުމުގައި ޤާނޫނީ ގޮތުން ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލެވިގެންދާނެއެވެ.
މީގެއިތުރުން އަތޮޅު ކައުންސިލު ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްތަކާއި ފަޅުތަކުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚުތިޞާޞްގައި ނުހިމެނޭ ފަޅު ރަށްރަށް ބަލަހައްޓާނީ އަތޮޅު ކައުންސިލުން ކަމަށްވެސް ވަނީ ޤާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އިގްތިޞާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެއިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށެއް ނުވަތަ ފަޅެއް އެއިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލަކާއި ނުވަތަ ސިޓީ ކައުންސިލަކާއި ހަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުކަމަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.
މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚުތިޞާޞްގައި ނުހިމެނޭ ފަޅު ރަށްރަށް ބެލެހެއްޓުމަށާއި އިގްތިޞާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި އަތޮޅު ކައުންސިލް ހަވާލުކުރެވޭ ފަޅުރަށްތަކާއި ފަޅުތައް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ހަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުކަމަށެވެ.
މީގެއިތުރުން ކައުންސިލްގެ އިޚުތިޞާސްގައި ހިމެނޭ ބިމާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިން ރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާއި ކަމާބެހޭ އެނޫންވެސް ޤާނޫނުތަކާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށްދޫކުރުމާއި ދިނުމަށް މިހާރު އޮތްއޮތުން ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެ ރަށެއްގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާއި ދޭގޮތަށް އިސްލާހުކޮށްފައެވެ.
ޖުމްލަ 15 އިސްލާހަކާއެކު ހުށަހެޅި މި ބިލް ފާސްކޮށްފައިވަނީ 59 މެމްބަރުންގެ އިއްތިފާގުންނެވެ.