ހުވަދު އަތޮޅުގެ ރަށަކުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 2 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހު 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލްވާ މީހާ ހައްޔަރުކޮށް އެކަމާއި ގުޅިގެން ކުރަންޖެހޭ ތަހުގީގީ މަސައްކަތްތައް އެ އިދާރާއިން ކުރަމުން އަންނަކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަންކަމެވެ. އަދި މިފަދަ އަމަލުތައް ހިންގުމުގައި ޝާމިލްވާ ފަރާތްތައް ހޯދައި އެފަރާތްތަކާ ދޭތެރޭ، ކަމާއިގުޅުންހުރި އިދާރާތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުންވަނީ މިފަދަ މައްސަލަތަށް ކުށްވެރިކޮށް އެފަދަ ކަންކަންކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.