19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ އެންމެ ފަހު ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ އަށް ރިޕޯޓެއް އެޖެންޑާކޮށްފިއެވެ.
މި ދައުރުގެ ޖަލްސާތައް ނޮވެމްބަރ މަހުގެ ނިޔަލަށް އޮތްނަމަވެސް ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދައުރުވަނީ ދިގު ދައްމާލާފައެވެ. އެއާއެކު އެންމެ ފަހު ޖަލްސާ ހޯމަ ދުވަހުގެ 10:30 ގައި ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ އަހަރުގެ ފަހު ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންކަން
- ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
- ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
- ސީޑީއާރުއައި ގައި ބައިވެރިވުމާމެދު މަޖިލީހުން ނިންމާގޮތެއް ހޯދުމަށް ހުށަހެޅި މައްސަލަ ދިރާސާކުރި ރިޕޯޓް
- ކ. މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރިގޮތް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް
- ޗެނަލް 13ން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މައުލޫމާތު ބްރޯޑްކާސްޓްކުރި މައްސަލަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް
- މޯލްޑިވްސް ގޭސް އިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިސް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް
ހޯމަ ދުވަހުގެ ޖަލްސާގައި މި ރިޕޯޓްތައް ހުށަހަޅާ ބަހުސްކުރުމަށްފަހު ވޯޓަށް އަހާނެއެވެ. މި އަހަރުގެ ފަހު ޖަލްސާއަށް ފަހު އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުއެވެ.