18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި ބައެއް މައްސަލަތައް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާ އެ ރިޕޯޓް ފާސްކޮށްފިއެވެ.
އެގޮތުން ހަތް މައްސަލައެއް 19 ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމުމަށްފަހު ކޮމިޓީން ވަނީ ރިޕޯޓް އެކުލަވާލާފައެވެ. މި ރިޕޯޓް ފާސްކުރީ ވޯޓުގެ ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ އެމްޕީ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ސައިކަލުގައި ރޯކުރި މައްސަލަ
މި މައްސަލައަކީ 2015 ވަނަ އަހަރުގެ މަރޗް މަހުގެ 8 ވަނަ ދުވަހު އޭރުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު މަޚުލޫފް ހުށަހަޅުއްވި މައްސަލައެކެވެ. މި މައްސަލަ ހުށައެޅުއްވިއިރު މެމްބަރު ތުހުމަތުކުރެއްވީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ސައިކަލުގައި ރޯކުރީ ފުލުހުންކަމަށެވެ.
މި މައްސަލާގައި ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގައި މައުލޫމާތު ހޯދިއިރު މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެނގެން ނެތްކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އޮންދަވޭ ފިހާރަ ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، އެ ހާދިސާގައި އަލިފާން ރޯވެފައިވާ ތިން ސައިކަލުގެ ތެރޭގައި މުހައްމާގެ ސައިކަލުވެސް ހިމެނޭކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް މުހައްމަދު އަބްދުﷲ ދީފައިވާ ބަޔާނުގައި ފުލުހުންގެ މައްޗަށް ތުހުމަތުކޮށްފައި ނުވާކަމަށްވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް އެނގިފައިނުވާތީ މައްސަލަ ކުރިޔަށް ގެންދެވެން ނެތުމުން މައްސަލަ ފައިލްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
ކުރީގެ އެމްޕީ އިލްހާމަށް ޕޭމަންޓް ގަލަކުން ހަމަލާދިން މައްސަލަ
ކޮމިޓީން ބަލާފައިވާ އަނެއް މައްސަލައަކީ 2015 ވަނަ އަހަރުގެ މަރޗް މަހުގެ 8 ވަނަ ދުވަހު ދަނގެތި ދާއިރާގެ ކުރީގެ މެމްބަރ އިލްހާމް އަހުމަދުގެ ހަށިކޮޅަށް ޕޭމަންޓު ގަލަކުން ހަމަލާދިނީ ފުލުހުން ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. މި މައްސަލަވެސް ހުށަހަޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު މަޚުލޫފެވެ.
މި މައްސަލައާއި ގުޅިގެން ކޮމިޓީ ރިޕޯޓްގައިވަނީ އިލްހާމް އަހުމަދުގެ ކަަނާތްފަރާތު ބާމަތީގައި ދެ މީހަކު ގާބުރިއަކުން ޖެހުމަށްފަހު ފިލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެކަމުގައި އިލްހާމްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތުންވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށާއި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް އެނގިފައިނުވާތީ މައްސަލަ ކުރިޔަށް ނުގެންދެވިގެން ފައިލްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
ކުރީގެ އެމްޕީ އަލީ މައުރޫފް ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކުރި މައްސަލަ
ކޮމިޓީން ބެލި ތިންވަނަ މައްސަލައަކީވެސް 2015 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ. އެއީ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ އަލީ މައުރޫފް ފުލުހުންނަށް އަމުރުކުރުމަށް ހޯމް މިނިސްޓަރަށް އޮތް ބާރުތައް ހަނިކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކޮމިޓީން ބުނެފައިވަނީ އެކަމުގެ ހައްލު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުން ލިބިދޭކަމަށެވެ.
ނަންޓެގް ނުޖަހާ ތިބި ބަޔަކު ފުލުހުންގެ ނަމުގައި އަމުރުކުރާ މައްސަލަ
މިއީ 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 3 ވަނަ ދުވަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ހުށައެޅުއްވި މައްސަލައެކެވެ. އަދި އެ މައްސަލައިގައިވަނީ ނަންޓެގް ނުޖަހާ ތިބި ބަޔަކު ފުލުހުންގެ ނަމުގައި އަމުރުކުރާކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައިވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުން ހައްލު ލިބިގެންދާނެ ކަމަށެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ
ރިޔާސީ ލޯންޗް ފިނިފެންމާގައި ހިނގައިދިޔަ ހާދިސާއާ ގުޅޭ މައްސަލަ ބަލައިދިނުމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ އަލީ މައުރޫފް ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު މައްސަލައެއް ހުށަހަޅުއްވާފައެވެ. މިކަމުގައި ކޮމިޓީން ނިންމާފައިވަނީ މިއީ ޝަރީޢަތުން ވަކި ގޮތެއް ކަނޑައެޅިފައިވާކަމެއް ކަމުން ކޮމިޓީން މިކަމުގައި ބަލާނެ ވަކި އިތުރުކަމެއް ނެތްކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާކުރި މައްސަލަ
މިއީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު 18 ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ތިން މެމްބަރަކު ސޮއިކޮށް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ. މި މައްސަލައިގައި ކޮމިޓީން ނިންމާފައިވަނީ މިއީ މިހާރު ޝަރީޢަތަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއް ކަމަށްވާތީ ކޮމިޓީއަށް މިކަން ބެލުމުގެ އިހުތިޞާޞް ލިބިގެންނުވާކަމަށެވެ.
ރައީސް މައުމޫނާ ދެކޮޅަށް ބަޔާންދޭން މަޖުބޫރުކުރި މައްސަލަ
މިއީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކޮމިޓީއަށް ހުށައެޅުނު މައްސަލައެކެވެ. އެގޮތުން ކިނބިދޫ ދާއިރާގެ ކުރީގެ މެމްބަރ އަބްދުﷲ ރިޔާޒު ހުށައެޅުއްވި މައްސަލައިގައިވަނީ، ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުންގެ އިސް އޮފިސަރަކު މަޖުބޫރުކުރިކަމަށް ތުހުމަތުކުރައްވާފައެވެ.
މި މައްސަލައިގައި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ފުލުހުންގެ ލިޔެކިޔުންތަކުން އެނގެންނެތްކަމަށް ފުލުހުން މައުލޫމާތުދީފައިވާކަމަށެވެ.