އައްޑޫ ފްލައިންގ ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅިކަން މިނިސްޓްރީގެ އޮފިޝަލަކުވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހަޅަންޖެހުނީ ޑޮލަރުން ފީ ދައްކަން ޖެހޭތީ އެކަމުގެ ޝަކުވާތައް ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް މިނިސްޓްރީއަށް ލިބެމުންދާތީއެވެ. އަދި މައްސަލަ ބަލާނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފައިވާކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ގެ މިނޫންވެސް ގިނަ މައްސަލަތަކެއްވަނީ މިފަހުން ފެންމަތިވެފައެވެ. އޭގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުންނަށް އެކަށީގެންވާވަރަށް ފްލައިން އަވާރސް ހަމަކުރުންފަދަ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަނީ މިހާރުވެސް ބަލަމުންނެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ މި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ހަޔަރ އެ އިންސްޓިޓިއުޓަށް އަންގާފައެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ.