ސަލްޓަންޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އާދިއްތަ ދުވަހުން ފެށިގެން ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނާނީ ހޯމަދުވަހުން ފެށިގެން ހޮނިހިރު ދުވަހާހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 ން ހެދުނު 9:30 އަދި ހަވީރު 4:30 ން ރޭގަނޑު 9:30 ށް ކަމަށެވެ.
ޕާކުތަކުގެ ގަސްހަގާގެއްސައް ބޭސް ޖެހުމާއި, ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާއި، ތަން ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެދުނު 8:00 ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް ބަންދުވާނެކަމުގައި ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަހަރުގެ މާރޗް މަހުގެ 15 އަށް ސަލްޓަން ޕާކް ބަންދު ކުރުމަށްފަހު އާންމުންނަށް އަލުން ހުޅުވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވަނީ ޕާކަށްދާ ފަރާތްތަކުން މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އެ ކަމުންސިލުން ވަނީ އެދިފައެވެ. ސަލްޓަން ޕާކަށް ވަދެވޭނީ އެއްފަހަރާ ގިނަ ވެގެން 30 މީހުންނަށް ކަމަށާއި އިތުރަށް މީހުނަށް ވަދެވޭނީ އެއްބަޔަކު ނުކުތުމުން ކަމަށެވެ.
އަދި ދޮށީ އުމުރުގެ މީހުންނާއި ކަސްރަތުކުރަންދާ ފަރާތްތަކަށް ސަލްޓަންޕާކް އާއި ލޮނުޒިޔާރަތްޕާކް ހެނދުނު ވަގުތު އިސްކަންދެވިގެންދާނެ ކަމަށްވެސް މޭޔަރު ޝިފާ ވިދާޅުވި އެވެ.
މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ހަދާފައިވާ ''ލޮނުޒިޔާރަތް ޕާކް'' ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ގައެވެ. އެ ޕާކް ހުޅުވިފަހުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޕާކަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.