އަހަރު ތަކެއްގެ މެދު ކެނޑުމަކަށް ފަހު އެއަރ ސީޝެލްސުން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އެއަރ ސީޝެލްސްގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ޑިސެމްބަރ 5 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ސައުތު އެފްރިކާގެ ޖޮހާނަސްބާގްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއަރ ސީޝެލްސްގެ ދަތުރުތައް ފަށާފައިވާއިރު ފްލައިޓު އޮންނާނީ ހަފްތާއަކު އެއްދުވަހުކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ.
ވީއައިއޭއިން އިން ބުނީ 2021 ވަނަ އަހަރުގެ މަރޗް މަހުގެ 23 ވަނަ ދުވަހާއި ހަމައަށް، ކޮންމެ ހަފްތާއަކު އެއް ފްލައިޓް ބާއްވާނެ ކަމަށާއި އެއަށް ފަހު އަނެއްކާވެސް މި ފްލައިޓްތަށް އައުން ހުއްޓާލާނެ ކަމަށެވެ. ވީއައިއޭއިން ބުނީ މިފަދަ ފްލައިޓް ތަކަކީ ޔޫރަޕްގެ ފިނި މޫސުމުގެ ދުވަސްތަކަށް ހާއްސަކޮށްގެން ފަށާ ފްލައިޓް ތަކެއް ކަމަށެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މަރޗް މަހު ބޯޑަރު ބަންދުކުރުމަށްފަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންގެ އަދަދު ވަނީ ގިނަ ވެފައެވެ.
އެގޮތުން ދުނިޔޭގެ ބޮޑު، ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ގިނަ އެއަރލައިންތަކަކުން ވަނީ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން އެއެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފަ އެވެ.