ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެެއިން 93 ޕަސެންޓު މީހުންގެ ބަލި ފަސޭހަވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑު ޖެހުނު 13،159 މީހުންގެ ތެރެއިން 12,264 މީހުންގެ ބަލިވަނީ ފަސޭހަވެފައެވެ. އެއާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 841 ށް ތިރިވެފައެވެ.
ޑޭޝްބޯޑުން އިތުރަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 8,275 މީހުންނަކީ ދިވެހިންނެވެ. އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 62.8 އިންސައްތައެވެ. ބާކީ 37.1 އިންސައްތައަކީ ބިދޭސީންނެވެ.
އޭގެ ތެރެއިން 3,200 ށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެއީ ރާއްޖެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ 24.7 އިންސައްތައެވެ. އަދި އިންޑިއާގެ 764 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 5.8 އިންސައްތައެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9,070 މީހުންނަކީ ފިރިހެނުންނެވެ. އަދި ޕޮޒިޓިވްވި އަންހެނުންގެ އަދަދު 4،069 އެވެ. އުމުރުފުރާތަކަށް ބަލާއިރު ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވީ 30-21 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެ އުމުރުފުރާގެ 3،341 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ވަނީ ހާމަ ކޮށްފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.