ރައީސް އަބުދުﷲ ޔާމީން ރ އަދި ބ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ދަތުރުފުޅު ދެވަނަ ފަހަރަށް ކެންސަލްކުރައްވައިފިއެވެ.
ރައީސް ޔާމީން ރ އަދި ބ.އަތޮޅަށް ދަތުރުފުޅެއް ފެއްޓެވުމަށް އެންމެކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 18 ވާ އަންގާރަ ދުވަހަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މި ދަތުރުފުޅު ފުޅު މިމަހުގެ 26 ވަނަ ދުވަހަށް ފަސްކުރި އެވެ.
ނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނުގެ މި ދަތުރުފުޅު ދެން އޮންނާނީ އަންނަ ލޯކަލް ކައުންސިލްއިންތިޚާބުގެވެސް ފަހުންނެވެ.
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އެ ދެ އަތޮޅުގައި ބޮޑެތި ތައްޔާރީތަކެއް ވެފައިވާއިރު، އެމަނިކުފާނު މިފަހަރު ދަތުރުފުޅު ކެންސަލް ކުރެއްވި ސަބަބު ހާމައެއް ނުކުރެ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް ރައީސްގެ ތަރުޖަމާނު އިބުރާހިމް މުއާޒް އަލީއާއި ގުޅާލުމުން ވިދާޅުވީ، ރައީސްގެ ދަތުރުފުޅު ތަކާއި ގުޅޭގޮތުން މީޑިއާއަށް ހިއްސާ ކުރަން ޖެހޭ މައުލޫމާތު ވަގުތު ޖެހުމުން ހާމަކުރާނޭކަމަށެވެ. ދަތުރުފުޅު ފަސްކުރުމާއި ގުޅޭގޮތުން މުއާޒް ކޮމެންޓެއް ކުރައްވާފައެއްނުވެއެވެ.
ރައީސް ޔާމީނުގެ މި ދަތުރުފުޅުގައި އެ ދެއަތޮޅުގެ ބައެއް މަޝްރޫއުތައް ފައްޓަވައި، އަދި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ މައުލޫމާތުލިބިފައެވެ.