މަސްތުވާތަކެތީގެ އެކި ކަހަލަ ފަރުވާތަކަށް ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާ ނުފެށި 648 މީހަކު މުޖުތަމައު އަށް ދޫވެފައި ތިބިކަން ''ރާއްޖެ.އެމްވީ'' އަށް އެނގިއްޖެ އެވެ.
''ރާއްޖެ.އެމްވީ'' އަށް އެނގިފައިވާ ގޮތުން ފަރުވާ ނުފެށި ތިބި މީހުންގެ ތެރޭގައި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ގައި 391 މީހުން، ކޮމިއުނިޓީ ސާވީސް ސެންޓަރުގައި 166 މީހުން، ގދ. ތިނަދޫ ޑީޓޮކްސިފިކޭޝަން ސެންޓަރުގައި 19، އަދި ފުވައްމުލަކު ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ހަ މީހަކު އެބަތިބިއެވެ. އަދި ސ. ހިތަދޫ ޑީޓޮކްސިފިކޭޝަން ސެންޓަރުގައި 43 މީހުންގެ އިތުރުން ހާފްވޭ ހައުސް ގައި 23 މީހަކު އެބަތިބި އެވެ.
މިހާރު އޮންނަ އުސޫލަކީ ޖާގަ ނުލިބިގެން ފަރުވާ ލަސްވާނަމަ ޝަރުތުތަކެއް ކޮށްފައި މުޖުތަމައަށް ދޫކޮށްލުމެވެ. އެކި ސަބަބުތަކާހުރެ ފަރުވާ ލަސްވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާދޭންޖެހޭ މީހުން އެ ލަސްވާ މުއްދަތުގައި ބައިތިއްބަން އެކަށީގެންވާ ރިމާންޑް ސެންޓަރުތަކެއް ގާއިމުކުރަން ޖެހޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް އެކަށީގެންވާ ރިމާންޑް ސެންޓަރެއްވެސް ގާއިމުކުރެވިފައި ނެތެވެ.
ނަމަވެސް، ރިމާންޑް ސެންޓަރެއް ގާއިމު ކުރުމަށް ބަޖެޓް ކުރެވި، ނޮވެމްބަރު މަސް ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ފަރުވާގެ ނިޒާމާއި، އިދާރާގެ ކަންކަމުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކަންކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންގެ ސެންޓަރެއް ގާއިމު ކުރުމަށް އަންނަ އަހަރަށް ބަޖެޓް ލިބިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.