މާސްކު އަޅަން ޖެހޭ މަޖުބޫރު ހާލަތްތަކުގެ ބަޔާންކޮށް، މާސްކު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މާސްކު އެޅުން މަޖުބޫރު ވަނީ ކޮވިޑް-19 ބަލީގެ ކޮމިއުނިޓީ ސްޕްރެޑް އޮންނަ ރަށްރަށުގައާއި މޮނިޓަރިން އަށް ލެވޭ ރަށްރަށާއި، ގެސްޓް ހައުސް ހިންގާ ރަށްރަށާއި، އެއާޕޯޓް ހިންގާ ރަށްރަށުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަނުގައެވެ.
މި ހާލާތްތަކުގައި މާސްކު އަޅަން މަޖޫބުރު ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ބާރު އަޅާފައެވެ.
އެޗްޕީއޭއިން މާސްކު އެޅުމުގެ އުސޫލެއް އާއްމުކޮށްފައިވާއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅައި ހުކުރު ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ. ކަރަންޓީނުން ދޫކޮށްލާނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުއެވެ. އެޗްޕީއޭ އިން ބުނީ، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.
އެގޮތަށް ހެދޭ ޓެސްޓަށް ހަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތައް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންނެވެ. ކަރަންޓީނުގެ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަޖައްސާނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށެވެ.