ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު ހަވީރަށް އެޖެންޑާކޮށްފިއެވެ.
އާދިއްތަ ދުވަހު ހަވީރު 4:30 އަށް އެޖެންޑާކޮށްފައިވާ މި ޖަލްސާގައި ކުރިއަށްދާނީ މަޖިލީހުގެ ކޮމިޓީތަކުން މައްސަލަތަކާއި ބިލުތައް ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓްތަކުގެ ބަހުސް މަރުހަލާއެވެ.
މި ޖަލްސާގައި އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖު ކުރަމުންދިޔަ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން ހިމެނެ އެވެ.
މީގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލައިގަތް މައްސަލަތައް، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމާއި، ރ.މީދޫ / ހުސްނުހީނާގެ، އަޙްމަދު އަނީސްއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހިމެނެ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ ދިރާސާކޮށް އެކުލަވާލި އިމްތިޔާޒު ކޮމިޓީގެ ރިޕޯޓް ވެސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް މާލިއްޔަތު ކޮމިޓީއިން އެކުލަވާލި ރިޕޯޓާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ލާމަރުކަޒީ ކޮމިޓީއިން އެކުލަވާލި ރިޕޯޓް ވެސް ހިމެނެ އެވެ.
އާދިއްތަ ދުވަހު ހަވީރު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކުރިއިރު، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވަނިކޮށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދައުރު ވަނީ ދިގު ދަންމާލާފަ އެވެ.