އެދުމެއްނެތި، ހެޔޮހިތުންކުރާ އިންސާނީ ޚިދުމަތަށްވުރެ އަގުބޮޑު ޚިދުމަތެއްނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ މުނާސަބަތުގައި ނައިބް ރައީސް ކުރައްވާފައިވާ ޓްވީޓްގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ހުރިހާ ދަރުމަވެރިންނަށް، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ނައިބް ރައީސް ވިދާޅުވީ ބަދަލަކަށް އެދުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުންކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއްނެތް ކަމަށެވެ. އަދި އެފަރާތްތަކަށް ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހެވެ.
ވޮލަންޓިއަރުންގެ ގޮތުގައި ރާއްޖޭގައިވެސް ގިނަ ޖަމިއްޔާތަކުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެ އެވެ.