މިވަގުތު ޖަލުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ކޮންމެ ދުވަހަކު ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ސަމީރު ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީ ހިންގުމުގެ ކަންކަން ކުރަން ޖެހެނީ ޕާޓީގެ ލީޑަރުގެ އިރުޝާދުގެ ދަށުން ކަމުގައެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމްއާއި ބައްދަކުރުމަށް ބޭނުންވަނީ ޕާޓީ ހިންގުމުގެ ކަންކަމުގައި މަޝްވަރާ ކުރުމަށްކަމަށް ސަމީރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަދި އެކަމަށް ކޮންމެ ދުވަހަކު ގާސިމާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްވެސް ސިޓީގައި ސަމީރު އެދިވަޑައިގަންނަވާފައި ވެއެވެ.
މީގެ އިތުރުން މިމައްސަލާގައި ޖުމްހޫރީ ޕާޓީންވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށްވެސް ހުށައަޅާފައެވެ.
އެޗްއާރުސީއެމްއަށް ޖޭޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ މީގެ ކުރިން އެހެން ޕާޓީތަކުގެ ލީޑަރުން ބަންދުގައި ތިބޭއިރު އެލީޑަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ޕާޓީތަކަށް ދީފައިވާކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމުގައެވެ.
އަދި ގާސިމް ބަހައްޓާފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ފަދައިން ކަމަށާއި އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ކުށްވެރިން ބައިތިއްބާ ގޮޅިއެއްގައި ގާސިމް ބަހައްޓާފައި ހުންނަހުރުން ބަލައި ދިނުމަށްވެސް ޖޭޕީން އެޗްއާރުސީއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.