ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިފަހަރު ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 6 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން، މިއިން ކޮންމެ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ނަން އަނބުރާ ގެންދިޔަ 16 ކެނޑިޑޭޓުންގެ ތެރޭގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 10 ކެނޑިޑޭޓަކު ހިމެނޭ ކަމަށާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި 6 ކެނޑިޑޭޓަކު ވެސް ހިމެނޭ ކަމަށެވެ. މިއާއެކު މިހާތަނަށް 99 ފަރާތަކުން ވަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިވަގުތު ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރުމަށް 1،779 ގެ ނަން އިލެކްޝަނުގައި އެބައޮތް ކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.
ކޮވިޑާއި ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަނުން ވަމުން އަންނަ އިރު، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް ވެސް އިލެކްޝަނުން ބުނެއެވެ.
އިންތިހާބުގެ ހާއްސަ ގާނޫނު ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އެއާއި އެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގުކޮށްފައެވެ.